ރަމަޟާން
ރަމަޟާން މަހާއި ތައުބާވުމާއި ހުރި ގުޅުން އެނގޭތަ؟

ރަމަޟާން މަސް އައުމުން އަޅުގަނޑުމެން އެއްއަޚަކު އަނެއް އަޚަކަށް އެންމެ ހަނދާންކޮށްދޭ އެއްކަމަކީ އިޚްލާސްތެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ ބައްދަލު ކުރުމަށެވެ. ސަބަބުތަކެއް ނެތިވެސް ނޫނެވެ. ބަހަވީ ގޮތުން ރަމަޟާން މި ބަހަށް ބަލާލާއިރު އެނަން ދެވުމުގައި ގިނަ މާނަތަކެއް ގެންނަވާފައި ވެއެވެ. އޭގެ ތެރެއިން އެއްމާނައަކީ ފާފަތައް އަންދާލުމެވެ. އާދެ! އެމަހުގެ ހެޔޮ ޢަމަލުތަކުގެ ސަބަބުން އެމީހެއްގެ ފާފަތައް އަންދާލައި ފޮހެ ނެތި ކޮށްލަދެއެވެ. އެފަދަ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ތައުބާވުން ހިމިނިގެން ދެއެވެ.

ބަހަވީ ގޮތުގެ އިތުރުން ރަމަޟާން މަހާ ތައުބާވުމާ ހުރި ގުޅުމުގެ ތެރޭގައި:

  1. ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ (އަލްޣަފޫރު) އަދި (އަލްޣައްފާރު): މިއީ އަރަބި ބަހުގައި ޞީޣަތުލް މުބާލަޣާކޮށް އައިސްފައިވާ ދެ އިސްމުފުޅެވެ. އެބަހީ އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. އަދި އެއާއެކު އެކަލާނގެ އަޅުތަކުންނަށް ތައުބާވާނެ މަގުތަކާއި ފުރުޞަތުތައް ދެއްވާފައިވެއެވެ. ރަމަޟާން މަސް މިއީ އެފަދަ ހަގުހުރި މައްސަރެކެވެ.
  2. ރަމަޟާން މަހުގެ ހުޞޫޞިއްޔަތުގެ ތެރޭގައިވާ އެއްކަމަކީ އެމަހުގައި ލައްވާފައިވާ ފާފަފުއްސެވުމެވެ. އެގޮތުން ޞަޙީޙް ބުޚާރީގައި ގެންނަވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. “އީމާންކަމާ، ދަރުމައާއި ޘަވާބަށް އެދޭ ޙާލު ރަމަޟާން މަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސެވޭނެތެވެ.” (އަލްބުޚާރީ)
  3. ރަމަޟާން މަސް އެމަހުގެ ޒާތުގައި ވެސް އަޅުތަކުންނަށް ތައުބާވެ، ޢަމަލުތައް އިސްލާޙުކުރުމަށް ބާރަކަށް ވެދެއެވެ. އެހެނީ އެމަސް އައުމުން ޝައިތާނުން ކަސްތޮޅު އެޅުވި ގެންދެއެވެ. އަދި އިންސާނާގެ ނަފްސުގައި ލައްވާފައިވާ ޝަޙްވާނީ އެދުން، ނުކައި ހުރުމުގެ ސަބަބުން ދައްކޮށްލަދެއެވެ. އޭގެ ސަބަބުން ފާފަ ތަކުން ދުރުވެ، އަޅުކަމުގައި ހީވާގިވުމުގެ ޝައުޤުވެރިކަން އިތުރު ވެގެން ދެއެވެ.
  4. ޤިޔާމުލް ލައިލި ނުވަތަ ރޭއަޅުކަމަކީ ފާފަތައް ފުހެވި، ތައުބާ ވުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ރަމަޟާން މަސް ޙާއްސަވާ ކަންތަކުގެ ތެރެއިން އެއްކަމަކީ އެމަހުގައި ޖަމާޢަތުގައި ކުރެވޭ ތަރާވީޙް ނަމާދައި ދަމުނަމާދެވެ. ރޭއަޅުކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޞްރަތުގައި މާތް މަތިވެރި އަޅުކަމެކެވެ. ނުހަނު ބޮޑު ދަރުމައާއި ޘަވާބު ލިބެނިވި އަޅުކަމެކެވެ. އެއާއެކު އަޅުތަކުންގެ ފާފަތައް ފުހި، ﷲ ރުހިވޮޑިގަތުން ލިބޭނެ މަގެކެވެ.

މިފާހަގަކޮށްލި މަދު ނުކުތާ ތަކުންވެސް ރަމަޟާން މަހާއި ތައުބާވުމާ ހުރި ގުޅުން އަޅުގަނޑުމެނަށް އެނގިގެން ހިނގައްޖެއެވެ. ތައުބާގެ ޝަރުތުތަކާއެކު އިޚްލާސްތެރި ތައުބާއަކުން ތައުބާވާށެވެ. އަދި ރަމަޟާން މަހުގައި ލައްވާފައިވާ މަތިވެރި ޘަވާބާއި ފާފަފުއްސެވުން ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ.

 

1