އިބުރަތްތެރި ވާހަކަ
ރާބޮއެ މަޖާކޮށްލުމަށް ކުރި ދަތުރު, އިޞްލާހުވުމުގެ ސަބަބަކަށްވީ ގޮތުގެ ވާހަކަ
“އަހަރެމެން ދެމީހުންނީ މަދީނާތުލް މުނައްވަރާގެ ފުރާވަރު ދެޒުވާނުންނެވެ.
އިސްޠަންބުލަށް ހަމަޖެހިލައި މަޖާކޮށް ރާ ބުއިމަށް ދަތުރު ކުރީމެވެ. އަދި ދެވުމާއި އެކު ޓެކްސީ އަކަށް އަރައި އެތާގެ ސަހަރަކުވާ ހޮޓަލަކަށް ގޮސް އެތާގެ ކޮޓަރިއެއް ހިފުމަށް ޤަޞްދު ކުރީމެވެ.
އަދި އަހަރެމެން އެތާގެ ކޮޓަރިއެއް ހިފުމުގެ ތެރެއިން އެތާގެ ރިސެޕްޝަނުގައި ވާ ފަރާތް އަހަރެމެންނާއި ސުއާލުކުރިއެވެ.
“ތި ދެބޭފުޅުން ތީ ކޮންތަނެއްގެ ދެބޭފުޅުން ތޯއެވެ.؟”
އަހަރެމެން ޖަވާބުގައި …
“މަދީނަތުލް މުނައްވަރާއެވެ.” ބުނީމެވެ.
ނަބިއްޔާ ﷺ އަށާއި މަދީނާގެ އަހުލުވެރިންނަށް އެއަޚާގެ ހިތުގައި ވީ ލޯތްބެއްގެ ބޮޑު ކަމުން، ވީ އުފަލުން އަހަރެމެންނަށް ކޮޓަރިއެއްގެ ބަދަލު މުޅި އެޕާޓްމަންޓެއް ދިނެވެ.
އަހަރެމެން ދެމީހުން ވަރަށް އަވަހަށް އެޕާޓްމަންޓަށް ވަދެ، މުޅި ރޭ ރާބޮއި މަސްތުވުމުގައި ހޭދަ ކުރީމެވެ. އެކަކު އަނެކަކަށް ރާ ދީ މުޅި ރޭ އެ ފާފައިގެ ތެރެއަށް ޣަރަޤުވެ ދެމީހުންނަށް ވެސް ނިދިއްޖެއެވެ.
ދެމީހުން ނިދިން ކުއްލިއަކަށް ހޭލަށްވާލީ ފަތިހު ހަތަރު ގަޑި ބައިކަށް ހާއިރު ދޮރުގައި ކޮންމެސް މީހަކު ޓަކި ޖެހުމުންނެވެ. ތެދުވެ ރަނގަޅަށް ލޯވެސް ނުހުޅުވޭ ޙާލު ގޮސް ދޮރު ހުޅުވާލީމެވެ. ދޮރު ކުރިމަތީގައި ވީ ރިސެޕްޝަނުގައި ހުރި މުވައްޒަފެވެ. އޭނާ ބުންޏެވެ:
“މިސްކިތުގެ  އިމާމު، މަދީނާ ގެ ދެބޭފުޅުން އަވަށުގައި ވާކަން އެނގުމުން، ތި ދެބޭފުޅުން ވާ ހާ ހިނދަކު އިމާމުވެ ނަމާދު ނުކުރައްވާނެކަމަށް ބުނުއްވިއެވެ. އަޅުގަނޑުމެން މިތާ ތިރީ މިސްކިތުގައި ތިބޭފުޅުންގެ އިންތިޒާރުގައި އެބަ ތިބީމުއެވެ.
އެޚަބަރު ލިބުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަރަށް އަވަހަށް އެކުވެރިޔާ ނަގައި އޭނާ ކުރެއް އެހީމެވެ: “ތިބާއަށް ޤުރްއާނުން އެއްވެސް މިންވަރެއް އެނގޭ ހެއްޔެވެ.؟!!”
އިމާމުވެ ނަމާދު ކުރުމުގެ ޤާބިލްކަން ނެތްކަމަށް އެކުވެރިޔާ ބުންޏެވެ. ހަދާނެ ގޮތަކާއި މެދު ވިސްނަން ދެމީހުން އިށީނީމެވެ. އަނެއްކާވެސް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. ނަމާދު ވަޤުތު ޖެހެން ކައިރިވާ ކަމާއި އެންމެން އަހަރެމެންގެ އިންތިޒާރުގައި މިސްކިތުގައި ތިބި ވާހަކަ ބުންޏެވެ. “
އެ އެކުވެރިޔާ ކިޔައިދިނެވެ….
“ދެމީހުންވެސް އަވަހައި ފެންވަރައި މިސްކިތަށް ދިޔާއީމެވެ. މުޅި މިސްކިތް ވަނީ ފުރި ބާރު ވެފައެވެ. ހުކުރު ނަމާދެކޭ އެއްފަދަ ހެން ހީވިއެވެ. ހުރިހާ އެންމެން އަހަރެމެންނަށް ސަލާމް ގޮވަމުން ދިޔައެވެ.
ދެމީހުން ކުރެއް އަހަރެން ކުރިއަށް ޖެހި… ތަކްބީރު ކިޔައި ނަމާދު ކުރަން ފެށީމެވެ.
ﷲ أكبر….
…. “الْحَمْدُ لِلّهِ رَبِّ الْعـالَمِــيْــــــــنَ”…
ފާތިޙާ ސޫރަތުގެ މިއާޔަތާއި އެކު ނަބިއްޔާ ﷺ ގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީ މަތިން ހަނދާން އާވެ މުޅި މިސްކިތް ރޮއްވާލިއެވެ.
އެމީހުންނާއި އެކު އަހަރެންނަށް ވެސް ރޮވިއްޖެއެވެ . ދެ ރަކްޢަތުގައި ވެސް ސޫރަތުލް ފާތިޙާ އަދި ޢިޚްލާޞް ސޫރަތް ކިޔެވީމެވެ. އެ ދެ ސޫރަތް ނޫނީ އަހަރެންނަކަށް ނޭނގެއެވެ.
ނަމާދުގެ ސަލާމަށް ފަހު މުޅި މިސްކިތުގެ އަހްލުވެރިން އަހަރެމެން ދެމީހުންނާއި ސަލާމް ކުރުމަށް އަވަސްވެގަތެވެ.”
އިންސާނާ އޭނާގެ ޖާހިލުކަމާއި ނުބައިކަމުގައި އޭނާގެ ވެރި ރައްބު ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އުރެދިނުމުގައި އޭނާގެ ޙަޔާތް ހޭދަ ކުރާ ޙާލުވެސް، އެއިލާހު އެއިލާހުގެ އަޅާ ދޫނުކުރައްވައި އެމީހުންނަށް ހިދާޔަތުގެ ދޮރުތައް ގުނާ ޢަދަދު ނުކުރެވޭ ހައި ވެސް ގިނައިން ހުޅުއްވައި ދެއްވައެވެ….
މިޙާދިޘާ އެދެޒުވާނުންނަށް ހިދާޔަތް ދެއްކެވުމުގެ ސަބަބަކަށް ﷲ ތަޢާލާ މެދުވެރި ކުރެއްވިއެވެ. މިއަދު މިވާހަކަ ކިޔައިދިން ޒުވާނާ އަކީ ދީނީ ދަޢުވަތު ދެމެންދާ ދާޢީ އެކެވެ.
-قصص وحكايات-
——————
މަސްދަރު: އަލްޢިބަރް ފޭސްބުކް ޕޭޖް
0