4. ތެދުވެރިވުން
ތެދުވެރި ކަމަކީ ކަމެއް ކާމިޔާބު ކުރުމަށްޓަކައި ވަރަށް މުޙިއްމު ސިފައެކެވެ. ޙަޤީޤަތުގައި ތިބާ ކަމަކަށް ތެދުވެރިވާނަމަ އެކަމަކަށް ވަފާތެރިވާނެއެވެ. އެމަހުގެ ދުވަސްތަކާއި ރޭތައް ހެޔޮގުތައި ހޭދަކުރުމަށް ސަމާލުކަންދޭނެއެވެ. ﷲ އަށް ތެދުވެރި ވެއްޖެނަމަ، އެކަލާނގެ އެއަޅަކަށް އެހީތެރިވޮޑިގަންނަވާނެތެވެ. އަޅުކަންކުރުމަށްށާއި ހެޔޮކަމުގެ މަގަށް އެއަޅަކަށް މަގު ދައްކަވާނެތެވެ. މުޙައްމަދު ސޫރަތުގެ 21 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. (فَلَوۡ صَدَقُوا۟ ٱللَّهَ لَكَانَ خَیۡرࣰا لَّهُمۡ) މާނައީ: اللَّه އަށް އެއުރެން ތެދުވެރިވީނަމަ، އެކަން އެއުރެންނަށް ހެޔޮކަންބޮޑުވީސްކަން ކަށަވަރެވެ.
5. އެމަހުގެ ޙުކުމްތަކާއި މަޢުލޫމާތުތައް ދަސްކޮށް ދެނެގަތުން
ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ޢަމަލު ކުރުންވަނީ ޢިލްމުގެ ފަހުގައެެވެ. އެބަހީ ކަމެއްގެ މައްޗަށް ޢަމަލު ކުރުމުގެ ކުރިން ތިބާ އެކަމުގެ ޢިލްމު ހޯދާށެވެ. އޭރުން އެންމެ އެދިވިގެންވާ ގޮތުގައި އެޢަމަލެއް ކުރުމަށް މަގު ފެނިގެންދާނެއެވެ. އެހެނީ ޢިލްމުގެ މޭވާއަކީ އޭގެ މައްޗަށް ކުރެވޭ ތެދުވެރި ޢަމަލެވެ. ރަމަޟާން މަހާ ބެހޭގޮތުން ލިޔެވިފައިވާ ފޮތްތައް ކިޔާ، ޢިލްމުވެރިންގެ ބަސްތައް ބަލައި އަޑުއަހާށެވެ. (فَسۡـَٔلُوۤا۟ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ) މާނައީ: ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލު ކުރާށެވެ!
6. މީސްތަކުންނަށް ހަނދާންކޮށްދީ ދަޢުވަތު ދިނުން
އަޅުގަނޑުމެންނަކީ ހަނދާންނެތި، ޣާފިލް ކަމާ ދިމާލަށް ދެވޭ ބައެކެވެ. އަބަދުވެސް ހަނދާންކޮށްދީ ނަޞޭޙަތެއް ބޭނުންވެއެވެ. އީމާންކަން ތަޒާކޮށް މުރާޖަޢާ ކުރުން ޖެހެއެވެ. ޙާއްސަކޮށް މިފަދަ މާތް މައްސަރަކާ އަޅުގަނޑުމެން ބައްދަލު ކުރާ، އެއްބަޔަކު އަނެއް ބަޔަކަށް ހަނދާންކޮށްދިނުން ބޭނުންވެއެވެ. ﷲ ގެ ޙަޟްރަތުން ތިބާއަށް ޢިލްމީ ގޮތުންނާއި އެނޫން ގޮތަކުންވެސް ހެޔޮކަންކަމަށް ތަޢުފީޤު ލިބިގެންވާނަމަ، އެކަން އެހެން މީސްތަކުންނަށްވެސް އުނގަންނައިދީ ފޯރުކޮށްދޭށެވެ.
އަޅުގަނޑުމެންނީ ރަމަޟާން މަހާ ބައްދަލުވެ، އެމަހުގެ މާތް ވެގެންވާ ދަރުމައާއި ޘަވާބު ލިބޭ އަޅުންކަމުގައި ލައްވާށި!!