ބައެއް އެއްޗެހީގެ މައްޗަށް އަނެއްބައި އެއްޗެހި މާތްކޮށް ޙާއްސަ ކުރުމަކީ އިލާހީ އަދި ދުނިޔެވީ އާދައެކެވެ. އެގޮތުން އަހަރެމެން އަދަދު ކުރަމުންދާ މަސްތަކާއި ދުވަސްތަކުގެ ތެރޭގައި މާތް މަސްތަކާއި ދުވަސްތައްވެއެވެ. ރަމަޟާން މަހަކީ ޝަރުޢީ ދަލީލުތަކުންނާއި ހުދު އަޅުގަނޑުމެންގެ އަމިއްލަ އާދަކާދައިގެ ތެރޭގައިވެސް މާތް އަދި ޙާއްސަ ކަމެއް ދެވިފައިވާ، އެމަހަށް ނުހަނު އިންތިޒާރު ކުރެވޭ މައްސަރެކެވެ.
މިލިޔުމުގައި އަޅުގަނޑު ބަލާލާނީ ރަމަޟާންމަސް ފަދަ މާތް މަހަކާ ބައްދަލުވާއިރު އަޅުގަނޑުމެން އެމަހަށް އެންމެ ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރާނީ ކިހިނެއް ކަމާމެދުގައެވެ. ދަންނަންވީ ޙަޤީޤަތަކީ ރަމަޟާން މަހަކީ ކުޅިވަރާއި މަޖާކުރުމާއި ﷲ ރުހިވޮޑިގެންނުވާ ފަދަ ކަންކަމުގައި ހޭދަކޮށް ދުއްވާލަންވީ މަހެއް ނޫން ކަމެވެ. ރޯދަވެރިންނަށާއި ރޭ އަޅުކަމުގައި ހޭދަކުރާ އަޅުތަކުންނަށް ބޮޑުވެގެންވާ ދަރުމަޔާއި ޘަވާބު ދެއްވާނެކަމަށް ވަޢުދު އައިސްފައި ވާއިރު، އެފަދައިން ކަންކުރަން އަހަރެމެންގެ މައްޗަށް ހެޔޮވެގެން ނުވެއެވެ.
ރަމަޟާން މަސް އެންމެ އެދެވޭ ގޮތެއްގައި ހޭދަކުރުމަށް މިއަޅުކަމުގެ މޫސުމުގައި ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އަދި އެކަންކަމުގައި އެކަކު އަކެކާ ވާދަކޮށް ކުރިއަރާ ދާށެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި:
1. އިޚްލާސްތެރި ކަމާއެކު ﷲ އަށް ދުޢާކުރުން:
އަހަރެމެން އިންސާނުންނަކީ ނިކަމެތި، ބަލިކަށިބައެކެވެ. ހުރިހާ ބާރެއް މިލްކުވޮޑިގެންވާ ފަރާތަކީ ﷲ ސުބުހާނަހޫ ވަތަޢާލާއެވެ. ކިތަންމެ އުންމީދު ކުރިޔަސް، އަހަރެމެންނަށް ކަންކަން ކުރެވެނީ ﷲ އެކަމަކަށް އިރާދަކުރައްވާ، ތަޢުފީޤު ދެއްވުމުންނެވެ. ވުމާއެކު ރަމަޟާން މަހާ ބައްދަލު ކުރާއިރު އަޅުގަނޑުމެން ކުރަންވީ އެންމެ ފުރަތަމަ ކަމަކީ ރަމަޟާން މަހުގައި އެންމެ ފުރިހަމަ ގޮތުގައި އަޅުކަން ކުރުމުގެ ތަޢްފީޤު ދެއްވުން އެދި ﷲ އަށް ދެންނެވުމެވެ.
2. އެމަހާ ބައްދަލު ވެއްޖެނަމަ ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވުން:
ނިޢުމަތަކީ ގިނަފަހަރު ގެއްލުމުން ނުވަތަ މަޙްރޫމު ވުމުން އަގު ވަޒަންކުރެވޭ އެއްޗެކެވެ. މިފަހަރުގެ ރަމަޟާން މަހާ ބައްދަލު ނުވި ކިތަށް އަޚުން އަޅުގަނޑުމެން ދަންނަމުތޯއެވެ! އަދި މިމަހާ ބައްދަލުވެ ރޯދަ ހިފުމުގެ ނަޞީބު ގެއްލުނު އަހަންވެސް ވޭތޯއެވެ! ﷲ ގެ ފަޟްލުވަންތަވެރިކަމުން އަޅުގަނޑުމެނާ އެމަސް ބައްދަލު ވެއްޖެނަމަ، އެއީ ބޮޑުވެގެންވާ ފުރުޞަތެކެވެ. ﷲ އަށް ޙަމްދު ހުށްޓެވެ.
3. ރަނގަޅު ހެޔޮ ވަރުގަދަ އަޒުމެއްގައި އެމަހާ ބައްދަލުކުރުން:
އަޅުގަނޑުމެން ދުނިޔެވީ ކަންކަމުގައި ނުގުޑާ ފަދަ އަޒުމެއްގައި ކަންކަން ކުރަން ތެދުވަމެވެ. އަދި ހަމަ އެކަކު އަނެކަށް އެކަމަށް ހިތްވަރުދީ ހަދަމެވެ. އެފަދައިން އުޚްރަވީ ޙަޔާތުގައި ފައިދާވާ ކަންކަމުގައި ވެސް ވަރުގަދަ އަޒުމެއް ބަހައްޓާށެވެ. އިޚްލާސްތެރި ތައުބާއަކުން ތައުބާވެ، ފާފާކުރުމާއި ބޭކާރު ކަންކަމުން ސަލާމަތްވެ ރަމަޟާން މަސް ފުރިހަމަ ގޮތުގައި ހޭދަކޮށްލުމަށް އަޒުމުކުރާށެވެ.
(ނުނިމޭ…)