ނަޞޭޙަތާއި އިރުޝާދު
 360 ޞަދަޤާތަށް ފުދޭ ނަމާދެއް

އާނއެކެވެ! މިއީ ސުންނަތްކަން ގަދަ މަތިވެރި ނަމާދެކެވެ. އެއީ ކިޔަމަންތެރިންގެ ނަމާދެވެ. 360 ޞަދަޤާތަށް ފުދޭ ނަމާދެކެވެ. އެއީ ޟުޙާ ނަމާދެވެ.

ފަހެ ހަމަކަށަވަރުން ނަބިއްޔާ صَلَّى اللَّه عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.  (يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْصَدَقَةٌ ، فَكُلُّ تَسْبِيحَةٍ صَدَقَةٌ ، وَكُلُّ تَحْمِيدَةٍ صَدَقَةٌ ، وَكُلُّ تَهْلِيلَةٍ صَدَقَةٌ ، وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌبِالْمَعْرُوفِ صَدَقَةٌ ، وَنَهْيٌ عَنْ الْمُنْكَرِ صَدَقَةٌ ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنْ الضُّحَى) رواه مسلم(1181)

“ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ހެނދުނު ކުރަނީ އެމީހެއްގެ(ހަށިގަނޑުގައިވާ) ކޮންމެ ހުޅަކަށް ޞަދަޤާތެއްވާ ޙާލުގައެވެ.  ފަހެ, ކޮންމެ ތަޞްބީޙައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ ޞަދަޤާތެކެވެ. އަދި ހެޔޮކަންކަމަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދިނުބައިކަންކަން މަނާކުރުމަކީ ޞަދަޤާތެކެވެ. އެ ހުރިހާ ޞަދަޤާތަކަށް ޟުޙާގެ ވަގުތުގައި ކުރެވޭ ދެ ރަކްޢަތް ފުދެއެވެ.”

ރަސޫލު الله صَلَّى اللَّه عَلَيْهِ وَسَلَّمَ ޙަދީޘްތަކުން ޘާބިތުވާ ގޮތުގައި އިންސާނާގެ ހަށިގަނޑުގައި 360 ހުޅު ވެއެވެ. އޭނާގެ މައްޗަށް ވަނީ އެއިން ކޮންމެ ހުޅަކަށް ޞަދަޤާތް ކުރުމެވެ.(1)

އެހެންކަމުން ޢިލްމުވެރިން ވިދާޅުވާގޮތުގައި ޟުޙާ ނަމާދަކީ 360 ޞަދަޤާތަށް ފުދޭ މާތް މަތިވެރި ނަމާދެކެވެ. ވީމާ, މިނަމާދަށް ރައްކާތެރިވަމާ ހިނގާށެވެ!

މި ނަމާދުގެ މަތިވެރިކަމާ ބެހޭ ގޮތުން އެހެން ޙަދީޘްތައްވެސް އައިސްފައިވެއެވެ.

ރަސޫލު الله صَلَّى اللَّه عَلَيْهِ وَسَلَّمَ ޞަޙާބީންނަށް ޟުޙާ ނަމާދު ކުރުމަށް ވަޞިއްޔަތްކުރައްވައެވެ. އަދި ޙަދީޘް ކުރެއްވިއެވެ. (فَإِنَهَا صَلَاةُ الْأَوَّابِينَ) مسند أحمد 7596

މާނައީ: “ފަހެ, ހަމަކަށަވަރުން އެއީ ކިޔަމަންތެރިންގެ ނަމާދެވެ.”

އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.

أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلاَثٍ: (صِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ) متفق عليه

މާނައީ: ” އަހަރެންގެ މިތުރު (އެބަހީ: ނަބިއްޔާ) صَلَّى اللهُ عَلَيْهِ وَسَلَّمَ , އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެރަކުޢަތް ކުރުމާ އަދި ނިދުމުގެ ކުރިން ވިތުރި ކުރުމެވެ.”

 

ޟުޙާ ނަމާދުގެ މަތިވެރިކަމާއި ޟުޙާ ނަމާދު ކުރާނެ ގޮތް ކިޔައި ލުމަށް މި ލިންކަށް ފިތާލާށެވެ!

(1) ބައްލަވާ: އަބޫ ދާވޫދު (5242) އަދި އަލްއަލްބާނީގެ ޞަޙީހުލް ޖާމިޢު (4239)

 

 

0