ރަމަޟާން
ޝަޢުބާންމަހުގެ މަތިވެރިކަން

މަތިވެރިވެގެންވާ ރަމަޟާންމަސް އަޅުގަނޑުމެނާ ބައްދަލުކުރަން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މި ދަނީ ޝަޢުބާންމަހުގެ ދުވަސްތަކެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޝަޢުބާންމަހާ މެދު ޢަމަލުފުޅު ކުރައްވާފައިވަނީ ވަރަށް ޚާއްޞަގޮތެއްގައެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީން ވެސް މި މަތިވެރި މަހަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ.

އިމާމު ނަސާއީ رَحِمَهُ اللَّهُ އެކަލޭގެފާނުގެ ސުނަނުގައި އުސާމާ އިބްނު ޒައިދު رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. އުސާމާގެފާނު ވިދާޅުވިއެވެ. ” އަހުރެން ރަސޫލު الله އާ ސުވާލު ކުރީމެވެ. އޭ މާތް ﷲ ރަސޫލާއެވެ! ޝަޢުބާންމަހަށްވުރެ ގިނައިން ކަލޭގެފާނު ރޯދަ ހިއްޕަވާ އެހެން މަހެއް އަހުރެންނަށް ފެނިފައެއް ނުވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. (އެ މަހަކީ ރަޖަބުމަހާއި ރޯދަމަހާ ދެމެދުގައިވާ މީސްތަކުން އެމަހަކާ މެދު ޣާފިލުވެފައިވާ މަހެވެ. އެއީ މާތް ﷲ ގެ ޙަޟްރަތަށް ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން، ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވޭ ހިނދު ތިމަންކަލޭގެފާނު ރޯދައަށް ހުންނެވުމަށް ލޯބިފުޅުކުރައްވަމެވެ.)

މި ޙަދީޘްފުޅުގައި މި ވަނީ ޝަޢުބާންމަހަކީ މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެއް ކަމެވެ. އެހެނީ، ޝަޢުބާންމަސް މި އަންނަނީ މަތިވެރިވެގެންވާ ދެ މަހެއްގެ ދެމެދަށެވެ. އެއީ ޙުރަމަތްތެރި މަސްތަކުގެ ތެރެއިން ހިމެނޭ ރަޖަބުމަހާއި، ރޯދަ ހިފުން ފަރުޟު ކުރެވިފައިވާ ރަމަޟާންމަހާ ދެމެދަށެވެ. ނަމަވެސް، އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިން ޝަޢުބާންމަހަކީ އަޅާ އަހަރު ދުވަހުގައި ކޮށްފައިވާ ހެޔޮ ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް އުފުއްލެވޭ ދުވަހެވެ. އެހެންކަމުން، ރޯދަމަސް ފިޔަވައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެންމެ ގިނައިން ރޯދަ ހިއްޕަވާ މަހަކީ ޝަޢުބާންމަސް ކަމުގައި ވެގެން ދިޔައެވެ.

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީ ބޭކަލުން ވެސް މި މަހަށް އިތުރު ސަމާލުކަމެއް ދެއްވެވިއެވެ. މި މަހުގައި ވީހާވެސް ގިނައަކުން ރޯދަ ހިއްޕެވުމާއި، ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވެވޭތޯ އެބޭކަލުން ބެއްލެވިއެވެ. ޝަޢުބާންމަހަށް شَهْرُ القُرَّاءِ އެވެ ކިޔެނީ މި ސަބަބާ ހެދިއެވެ. ޤުރުއާން ކިޔަވާ ވިދާޅުވާ ބޭކަލުންގެ މައްސަރެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުން އެއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެބޭކަލުން ކުރައްވަވާ ކަމެކެވެ.

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީ ބޭކަލުން ވެސް މި މަހަށް އިތުރު ސަމާލުކަމެއް ދެއްވެވިއެވެ. މި މަހުގައި ވީހާވެސް ގިނައަކުން ރޯދަ ހިއްޕެވުމާއި، ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވެވޭތޯ އެބޭކަލުން ބެއްލެވިއެވެ. ޝަޢުބާންމަހަށް شَهْرُ القُرَّاءِ އެވެ ކިޔެނީ މި ސަބަބާ ހެދިއެވެ.

އަޅުގަނޑުމެންނަށް ވެސް އޮތީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މަތިވެރި ސުންނަތުގައި ހިފައި، އެއާ އެއްގޮތަށް ޢަމަލު ކުރެވޭތޯ ގަދަ އަޅައި މަސައްކަތް ކުރުމެވެ. ޝަޢުބާންމަހުގައި ވީހާ ވެސް ގިނައެއްކޮށް ރޯދަ ހިފޭތޯ ބެލުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ. އެކަމުގައި ވަކި މިވެނި ގޮތެއް ނެތެވެ. އެމީހަކަށް ކުޅަދާނަ މިންވަރަކަށް ރޯދަ ހިފުން ސުންނަތް ވެގެންވެއެވެ.

 

0