އިބުރަތްތެރި ވާހަކަ
ވާހަކަ: ﷲ ގެ މަގުގައި ކުރެވޭ ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.

(ޙަޤީޤީ ޙާދިޘާ އެއްގެ މައްޗަށް ލިޔެފައިވާ ކުރުވާހަކައެއް)

މިޞްރުގެ ޖީޒާގެ އަޖައިބު ކުރުވަނިވި ޤަދީމީ ރީތި އަހުރާމުތަކުގެ ކައިރިން ހަމަޖެހިލައިގެން ފިކުރެއް ޙިޔާލެއްނެތި ހިނގާލަ ހިގާނލަ ހުރީމެވެ. ފެންނަމުންދަނީ އިންސާނުންގެ ކުޅަދާނަކަމެވެ. އުސް ބިނާތަކެވެ. ކުއްލިއަކަށް އިވުނީ ބާރުގަދަ އަޑެކެވެ. އުޑުމަތީގެ ކުލަވަރު ގަދަ ފިޔާތޮށި ކުލައަކަށް ބަދަލުވާން ފަށައިފިއެވެ.މީސްތަކުންގެ ހަޅޭކާއި ވޭނުގެ އަޑު ޖައްވުގައި ގުގުމައިލައިފިއެވެ. މީހުން ކޮޅުކޮޅަށް ދުވަން ފަށައިފިއެވެ.ވާނުވާ ނޭންގި ގަބުވެފައި އަހަރެންނަށް ހުރެވުނެވެ. ލޮލުގެ ކޮޅަށް ފެންނަހިސާބު ދުރުން އެއަންނަނީ ދިޔާއަލިފާނުގެ ބޮޑު ސުނާމީއެކެވެ. ސަލާމަތްކަން ހޯދަން ހަދާނެ ގޮތެއް ނޭނގުނެވެ. އޮތީ އެންމެ ގޮތެކެވެ.

ކުރިމަތީގައި ހުރި ބޮޑު އަހުރާމަށް އަރަން ފަށައިފީމެވެ. ހަލުވިކަމާއިއެކު އަހުރާމުގެ ކުންނަށް ވާސިލު ވެއްޖައީމެވެ. އޭރު އެ ބޮކިބޮކި ޖަހަމުން ދިޔަ ދިޔާއަލިފާންގަނޑު އައިސް އަހުރާމުގެ ތިރި ވަށާލައިފިއެވެ. އެހާމަތީގައި ހުރިއިރުވެސް އޭގެން އެވާހޫނާއި އާވިން ކެތްނުވެއެވެ. މީހާ ތުރުތުރުއަޅަން ފަށައިފިއެވެ. ހީވަނީ ދެންމެދެންމެ ފައި ކައްސާލަފާނެހެންނެވެ. ކޮނޑުގައި މީހަކު އަތް ޖައްސާލިހެން ހީވިއެވެ. ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ. އަންހެނުން ވަރަށް ހާސްވެފައި ކައިރީގައި ހުއްޓެވެ. ހުވަފެނެއް ފެނުނީދޯއޭ އެހިއެވެ. އަހަރެން ބޯޖަހާލީމެވެ. ތެދުވެގެން ގޮސް ވުޟޫކޮށް،ދެރަކުއަތް ނަމާދެއް ކުރީމެވެ. އޭރު ފަތިސްވާން ވެސް މާގިނައިރެއް ނެތެވެ.

ގަޑީގެ ކަށި އެނބުރެމުން ވަގުތު ހިނގަމުން ގޮސް ފަތިސް ވެއްޖެއެވެ. ކޮވިޑު19 ގެ ބިރުވެރިކަން ބޮޑުވެ ބައެއް ޢަރަބި ޤައުމުތަކުގައި އޭރުވަނީ މިސްކިއްތައް ވެސް ބަންދުކޮށްފައެވެ. ނަމަވެސް ކުވައިތުގައި ޙާލަތު މާގޯސްނުވާތީ މިސްކިއްތައް ބަންދެއް ނުކުރެއެވެ. އަވަހަށް ރީތިވެގެން ގެއިން ނުކުމެ މިސްކިތާދިމާލަށް ހިނގައިގަތީމެވެ. އޭރުވެސް ސިކުނޑީގައި ވަނީ ރޭގެ ހުވަފެނެވެ.

ނަމާދުކޮށް ނިމިގެން މިސްކިތު ބޭރުގައި މަޑުކޮށްލީމެވެ. އިމާމު ޝެއިޚް ޢަލީގެ އިންތިޒާރުގައެވެ. ރޭގެ ހުވަފެނުގެ ވާހަކައިން ސުވާލު ކޮށްލުމަށެވެ.ޝެއިޚް ޢަލީ އަކީ ދީންވެރި ޢިލްމުވެރި ބޭފުޅެކެވެ. ޝެއިޚް ނުކުމެގެން ހުރެ އާދެއެވެ. ސަލާން ކޮށްލައި ހާލު އަހުވާލު އޮޅުން ފިލުވައިލީމެވެ.ހާސްވެފައި ހުރީ ކީއްވެތޯ އެހިއެވެ. އަހަރެން ހުވަފެނުގެ ވާހަކަ ކިޔައިދިނީމެވެ. ކަނުލާ އަޑުއަހަން ހުރެފައި ޝެއިޚް ސުވާލު ކުރިއެވެ.
ތިބާކުރަނީ ކޮންކަހަލަ މަސައްކަތެއް ހެއްޔެވެ؟

އަހަރެން: އިމާރާތް ކުރުމާއި އިމާރާތް ކުއްޔަށް ދޫކުރުމެވެ.

ޝެއިޚް: ތިބާ މުވައްޒަފުންނަށް އުޖޫރަ ދެމުހެއްޔެވެ؟

އަހަރެން: އާދެ!ބަރާބަރަށް ދެން.

ޝެއިޚް: ހުވަފެނުގައި އެފެނުނު އަލިފާނަކީ،ދަތިކަމާއި ވޭން ކަމުގައި ވެދާނެއެވެ. ތިމާގެ ބެލުމުގެ ދަށުގައިވާބަޔަކު ޙާލުގައި އުޅޭތޯ ބަލައި އެބަޔަކަށް އެހީތެރިވާށެވެ. އޭރުން ތިބާ ނަރަކައިން މިންޖުވާން އޮތް ހެޔޮ ޢަމަލެއްކަމުގައި އެކަން ވެދާނެއެވެ.

ކުއްލިއަކަށް ޙިޔާލަށް އައީ އަހަރެންގެ ކުންފުނިން ކުއްޔަށް ދޫކުރާ އިމާރާތުގައި އުޅޭ މީހުންގެ މަތިންނެވެ. މުޅިންހެންވެސް އެއިމާރާތުގައި އުޅެނީ ކުވައިތައް އެކި މަސައްކަތްކުރަން އައިސް އުޅޭ ބޭރު މީހުންނެވެ. ގިނައީ މިޞްރު މީހުންނެވެ. އަދި އެމީހުންގެ އާއިލާއެވެ.އެމީހުންގެ ޚަބަރު ބެލުމުން އެމީހުންގެ ތެރެއިން ގިނަބައެއްގެ ވަޒީފާ ގެއްލި އާއިލާތައް ބިކަވެފައިވާކަން އެނގުނެވެ. ހުވަފެނާ މިކަމާ ގުޅުމެއް ވާކަމަށް އަހަރެންނަށް ޤަބޫލު ކުރެވުނެވެ.

ކުންފުނީގެ މުވައްޒަފުންނަށް ގުޅައި ތައްޔާރީތައް ކުރުމަށްފަހު އެހިސާބަށް މިސްރާބު ޖެހީމެވެ. ބޮޑެތި ލޮރީ ތަކެއް އަންނާތީވެ އެއިމާރާތުގައި ދިރިއުޅޭ މީހުން ކުޑަދޮރުތަކުން ބޯދިއްކޮށްގެން ތިއްބެވެ. ލޮރީގައި ގެނެވުނު ޞަދަޤާތްތައް އެ އިމާރާތުގެ އަހުލުވެރިންނަށް ބަހަން ފަށައިފީމެވެ. އެތަނުގައި މީސްތަކުން އޮތީ ތޮށްޖެހި ފުރާލާފައެވެ. ކޮންމެ މީހެއްގެވެސް މޫނުމަތިން ފެނަނަމުން ދަނީ އުފާވެރިކަމުގެ ޝުޢޫރު ތަކެވެ. އުފަލުގެ ކަރުނަތަކެވެ. އެމީހުންގެ އުފާވެރިކަން ފެނިފައި އަހަރެންނަށް އެލިބުނު ހިތްހަމަޖެހުން ދުލުން ޤަލަމަކުން ބަޔާން ކުރަންވެސް ދައްޗެވެ.

މެގަފޯނު ނަގައި އޮންކުރުމަށްފަހު ޙަމްދު ޞަލަވާތް ކިޔަވައި އެންމެނާ މުޚާތަބުކޮށް ވާހަކަދައްކަން ފެށީމެވެ. “އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުން، ﷲ އަށްޓަކައި، މިޖެހިފައިވާ މުޞީބާތުން އަހަރެމެން މިންޖު ކުރައްވަންދެން، ތިހުރިހާ ބޭފުޅުންގެ ކުލިތައް އަހަރެން މާފުކޮށްދީފީމުއެވެ. ﷲ ތިޔަ އެންމެ އަޚުންނާއި އުޚުތުން ރައްކާތެރި ކުރައްވާށިއެވެ.” އެންމެން ތިބީ އުފަލުން ފޮޅިފައެވެ. މީސްތަކުން އެއްއަޑަކުން ޝުކުރު އަދާކުރިއެވެ. މުޅި ހިސާބުގައި އޮތީ ﷲ އަށް ޙަމްދުކުރުމާއި ތަކުބީރުގެ އަޑެވެ. ދުރުދުރަށް އެ އަޑު ހުއްޓެވެ. އެނބުރި އައީ އެ އުފާވެރި މޫނުތަކުން ގެނެސްދިން އުފާވެރިކަމާއި ހިތްހަމަޖެހުން ހިފައިގެންނެވެ. އަދި ﷲ އަށް ޓަކައި ދޭ އެއްޗެއް އުނިނުވާނެކަމުގެ މަތިވެރި އިތުބާރާއި ޔަޤީންކަމާއި އެކުގައެވެ.

-ނިމުނީ-

1