ނަޞޭޙަތާއި އިރުޝާދު
މިހެން ދުޢާކޮއްފިނަމަ ޢިޖާބަނުވެވި ނުދާނެ އިން ޝާ ﷲ

އަލް އިމާމް އިބުނުލް ޤައްޔިމް ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް ”އައްދާއު ވައްދަވާއު“ގައި ދުޢާ ކުރުމުގެ ބައެއް އަދަބުތައް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވެއެވެ. އަދި އެ ކަންތައްތައް ކުރުމާއެކު ދުޢާކޮށްފި ކަމުގައިވާނަމަ ދުޢާ އިޖާބަނުކުރެއްވުމަކީ ވަރަށް ވެސް ނާދިރުކަމެއްކަމުގައި އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެލައްވައެވެ.

އެއީ ކޮން ކަންތައްތަކެއްތޯ ބައްލަވާލަން ހިންގަވާށެވެ.

  1. ހިތް ޙާޟިރުކޮށް ދުޢާ ކުރުމަށް ޚާލިޞްކުރާ ޙާލު ދުޢާ ކުރުން
  2. ދުޢާ އިޖާބަކުރެވޭ 6 ވަގުތުންކުރެ ވަގުތެއްގައި ދުޢާ ކުރުން

އެ ވަގުތު ތަކަކީ:

  • ރޭގަނޑުގެ 3 ބައިގެ ތެރެއިން ފަހު ބައި
  • ބަންގި ގޮވޭ ވަގުތު
  • ބަންގިއާއި ޤަމަތާއި ދެމެދު
  • ފަރުޟު 5 ނަމާދުގެ ފަހުގައި
  • ހުކުރު ދުވަހު އިމާމް މީހާ މިންބަރަށް އަރާވަގުތުން ފެށިގެން ހުކުރު ނަމާދު ނިމެންދެން
  • ހުކުރު ދުވަހުގެ ޢަޞްރު ނަމާދުގެ ފަހުގައި އެދުވަހުގެ އެންމެފަހު ވަގުތު

 

3. ޚުޝޫޢަތްތެރިކަމާއި، މަޑުމޮޅިކަމާއި އަދި ނިކަމެތިކަމާއެކު ދުޢާކުރުން

4. ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާކުރުން

5. ޠަހާރަތުގެ މަތީގައި ހުރެ ދުޢާކުރުން

6. ދެއަތް އުފައިގެން ހުރެ ދުޢާކުރުން

7. ﷲ އަށް ޙަމްދު ޘަނާކިޔުމުން ދުޢާ ފެއްޓުން އަދި އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަވާތް ކިޔުން އަދި އެއަށްފަހު އަޅާގެ ޙާޖަތްތަކާއި ބޭނުންތަށް ﷲ އަށް ދެންނެވުމުގެ ކުރީގައި ފާފަތަކަށް ތައުބާވެ އިސްތިޣްފާރުކުރުން އަދި އެއަށްފަހުގައި ﷲ ތަޢާލާ އަށް އަޅާގެ ޙާޖަތްތަކާއި ބޭނުންތަށް ތަކުރާރުކޮށް އާދޭސް ކުރާޙާލު ދެންނެވުން

8. ﷲ ތަޢާލާގެ ކޯފާއަށް ބިރުވެރިތިވެ އެ އިލާހުގެ ރަޙްމަތަށް އުންމީދުކުރާ ޙާލު އެއިލާހަށް ދެންނެވުން

9. އެއިލާހުގެ ރިވެތި އިސްމަފުޅުތަކާއި ސިފަފުޅުތަށް އަދި އެއިލާހުގެ ވަޢުދުފުޅުތަށް މެދުވެރިކޮށް އެކަލާނގެއަށް ދެންނެވުން

އިސްމަފުޅުތަކާއި ސިފަފުޅުތައް މެދުވެރިކޮށް ދެންނެވުމަކީ ރިޒްޤު ތަނަވަސްކޮށްދެއްވުމަށް އެދި ދަންނަވާނަމަ ޔާ ރައްޒާޤް މިފަދައިން ދެންނެވުމެވެ.

އަދި ވަޢުދުފުޅުތަށް މެދުވެރިކޮށް ދެންނެވުމަކީ އެކަލާނގެ ދުޢާ އިޖާބަކޮށްދެވާނެކަމަށް ވަޙީކުރަށްވާފައިވާ ވަޢުދުފުޅުތައް ޒިކުރު ކުރުމަށްފަހު ދުޢާކުރުމެވެ.

10. ދުޢާކުރުމުގެ ކުރީގައި ޞަދަޤާތެއް ކުރުން

11. ދުޢާ ކުރުމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ދުޢާތަކުން ދުޢާކުރުން

 

ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންގެ އެންމެހާ ދުޢާތައް އިޖާބަކޮށްދެއްވާ އަޅަމެންގެ ޙާޖާތްތައް ފުއްދަވައި ދެއްވުމެވެ. އެއީ އެންމެ އޯގާތެރި އެންމެ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.

0
  1. ޖަމީލް

    އާމީން

  2. ޢަބްދުލް ކަރީމް

    އާމީން.. ޖަޒާކަﷲ ޚައިރަން

  3. އިބުރޭ

    ވެރީ އިންފްމޭޓިވް