ނަޞޭޙަތާއި އިރުޝާދު
ވުޟޫ ފުރިހަމަކޮށް މި ދުޢާ ކުރުމުން ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވޭ!

ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު އެކަން ކުރާ މީހާއަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވިގެންދާ ކަމެކެވެ. އެއީ ސުންނަތުގައި އައިސްފައިވާ ފަދައިން ވުޟޫ ފުރިހަމަކޮށް ވުޟޫ ދުޢާ ކިޔުމެވެ.

ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(މީހަކު ވުޟޫކޮށް ދެން އެވުޟޫ ފުރިހަމަކުރުމަށް ފަހު أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ.
މިފަދައިން ކިޔައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވިގެންދާނެއެވެ. އެއީ އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަދުމަށްޓަކައެވެ.) (رواه مسلم والترمذي واللفظ له)

މި ދުޢާގެ މާނައީ: (ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވަމެވެ. އޭ ﷲ! މިއަޅާ ގިނަގިނައިން ތައުބާވާ މީހުންގެ ތެރެއިން ލައްވާނދޭވެ! އަދި ގިނަގިނައިން ޠާހިރުވާ މީހުންގެ ތެރެއިން ލައްވާނދޭވެ!)

އެހެންކަމުން, ވުޟޫ ފުރިހަމައަށް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އަދި ވުޟޫކޮށް އަވަދިވުމުން މިދުޢާކުރަން ހަނދާންކުރާށެވެ.

1