ނަޞޭޙަތާއި އިރުޝާދު
ލޮބުވެތި އަޚާއެވެ!

ލޮބުވެތި އަޚާއެވެ! ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު ތިބާ ތައުބާވާ ނަމަ، އެއީ ވެސް ﷲ تعالى ތިބާއަށް ދެއްވާ އަގުހުރި ނިޢުމަތެކެވެ. ޞާލިޙުންނަކީ ކުށް ނުކުރެވޭ މަޢުޞޫމު ބައެއް ނޫނެވެ. އެހެނެއް ކަމަކު އެ މީހުންނަކީ ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު ﷲ ހަނދުމަކޮށް އެކަމާ ދެރަވެ އެ ފާފައަކަށް އެނބުރި ނުދިއުމަށް ޢަޒުމު ކަނޑައަޅައި، ﷲ تعالى އަށް ތައުބާވާ މީހުންނެވެ. މިފަދަ މީހުން ދެކެ އެ އިލާހު ލޯބިވެވޮޑިގެންވެއެވެ. ﷲ تعالى ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެ ވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.” (سورة البقرة : ٢٢٢)

ލޮބުވެތި އަޚާއެވެ! ސުވަރުގެއަށް ތިބާ ތިޔަ ކުރާ ދަތުރުގައި، މަގުން ކައްސާލި ނަމަވެސް ހިތްވަރު އެލުވާނުލާށެވެ! އަވަހަށް ތެދުވެ އަނެއްކާ ވެސް މަސައްކަތް ފަށާށެވެ! ކިތަންމެ ގިނައިން މަގުން ކައްސާލި ނަމަވެސް ތައުބާވެ އެ އިލާހަށް ރުޖޫޢަވުމުގައި ތިބާ ދެމިހުރިހާ ހިނދަކު ތިބާގެ ފާފަތައް އެ އިލާހު ފުއްސަވާ ދެއްވާނެތެވެ. ޤުދުސީ ޙަދީޘްފުޅެއްގައި ﷲ تعالى ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”އޭ އާދަމުގެ ދަރިޔާއެވެ! ބިންފުރޭހާ ފާފަތަކާއިގެން ތިމަން އިލާހުގެ ޙަޟްރަތަށް ތިބާ އައި ކަމުގައި ވިޔަސް، ތިމަން އިލާހާ ޝަރީކުކޮށްފައި ނުވާ ނަމަ، ބިން ފުރޭހާ ފާފަފުއްސެވުން ތިބާއަށް ދެއްވަވާ ހުށީމެވެ.” (رواه الترمذي)

ލޮބުވެތި އަޚާއެވެ! ޝައިޠާނާގެ ވަސްވާސްތަކަށް ބީރު ކަންފަތެއް ދޭށެވެ! އޭނާ ބޭނުން ވަނީ އޭނާއާ އެކު ތިބާ ވެސް ނަރަކައަށް ވައްދާށެވެ. ތިބާގެ ފާފަތަކަށް ވުރެ ﷲ تعالى ގެ ރަޙްމަތް މާ މަތިވެރި ވެގެންވެއެވެ. ﷲ ގެ ރަޙްމަތުން ދުވަހަކު ވެސް އުންމީދު ކަނޑައިނުލާށެވެ! މާތް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިލުމަކީ ވެސް ފާފައެކެވެ.

ލޮބުވެތި އަޚާއެވެ! ތިބާގެ ވެރި އިލާހުގެ އޯގާވަންތަކާމާއި އެ އިލާހުގެ ރަޙްމަތް ނިކަން ދެކެބަލާށެވެ! އިޚްލާޞްތެރިކަމާ އެކު ތައުބާވެ އެ ފާފައަކަށް އެނބުރި ނުދިޔުމަށް ތިބާ ޢަޒުމު ކަނޑައަޅާހާ ހިނދަކު، ތިބާ އެ ފާފައެއް ނުކުރާ މީހެއް ފަދައެވެ. އަދި ﷲ تعالى ތިބާ ތައުބާވާ ކޮންމެ ފަހަރަކު ތިބާއަށް ކުރެވިފައިވާ ފާފަތައް، ހެޔޮ ޢަމަލުތަކަށް ބަދަލު ކޮށްދެއްވައެވެ. ﷲ سبحانه وتعالى ސޫރަތުލް ފުރްޤާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ، އެއުރެންނާ މެދު (ދަންނާށެވެ!)، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ.” (سورة الفرقان: ٧٠)

ލޮބުވެތި އަޚާއެވެ! ތިބާއަށް ފާފަކުރެވޭ ސަބަބުތައް ދެނެގަނެ އެ ސަބަބުތަކާ ކައިރި ނުވާށެވެ! އަދި ގޯސް އާދަތަކުގެ ބަދަލުގައި ފައިދާހުރި ހެޔޮ އާދަތައް ތިބާގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތް ކުރާށެވެ! ނުރަނގަޅު އެކުވެރިންނާ ދުރުވެ ހެޔޮ ރަނގަޅު އެކުވެރިންނާ އެކު ވާށެވެ! އަދި ދަންނާށެވެ! ތައުބާވުމުގެ މަތީގައި ތިބާ ދެމިހުރިހާ ހިނދަކު ތިބާ ތިޔަ ވަނީ ކާބިޔާބުގެ ރާސްތާގައި ކަން ކަށަވަރެވެ. ❑


هــ ۱٤٤۳ އަހަރު  رَبِيْعُ الْأَوّل މަހުގެ 9 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 41ވަނަ ޢަދަދުގެ 3ވަނަ ޞަފްޙާގައި جَعْفَر مُحَمَّد عُثْمَان ލިޔުއްވާފައިވާ މަޒުމޫނެއް.

0