ޚަބަރު
މާތް ﷲ ޚަލްޤު ކުރައްވާފައިވާ ތަކެއްޗާ މެދު ވިސްނުމަކީ، އެކަލާނގެ މަތިވެރިކަން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގައިދޭނޭ ކަމެއް: ހުކުރު ޚުތުބާ

މާތް ﷲ ޚަލްޤު ކުރައްވާފައިވާ ތަކެއްޗާ މެދު ވިސްނުމަކީ، އެކަލާނގެ މަތިވެރިކަން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގައިދޭނޭ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާލުވެއްޖެއެވެ.

މާތް ﷲ ޚަލްޤު ކުރައްވާފައިވާ ތަކެއްޗާ މެދު ވިސްނުމަކީ، ﷲ ޝުބުހާނަހޫ ވަތަޢާލާ ގެ މަތިވެރިކަން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގައިދޭނޭ ކަމެކެވެ. މާތް ﷲ އާ އަޅުގަނޑުމެންނާ ދެމެދުގައިވާ ގުޅުން ބަދަހިކޮށް ހަރުދަނާކޮށްދޭނޭ ކަމެކެވެ. އެހިނދު އަޅުގަނޑުމެން ވާނީ، ހުރިހާ ޙާލަތެއްގައި، ﷲ ހަނދުމަ ކުރާ ބަޔަކަށެވެ.

މާތް ﷲ އިންސާނާއަށް އިވުމާއި، ފެނުމާއި، ހިތް ދެއްވާފައިވަނީ، އެތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ވިސްނައި ފިކުރުކޮށް،
އެކަލާނގެއަށް ޝުކުރުވެރި ވުމަށްޓަކައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. މާނައީ: “ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ ޙާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، ޝުކުރު ކުރުމަށްޓަކައެވެ.”  މީސްތަކުންނަށް ވިސްނުމާއި، ދެނެގަތުމުގެ ބާރު ދެއްވައިފައެވެ. އެމީހުންނަށް މި ވަނީ އިވޭ ކަންފަތްތަކަކާއި، ފެންނަ ލޯތަކެއް ދެއްވައި، ކަންކަމާމެދު ވިސްނައި ފިކުރުކުރުމަށް، ގޮވައިލައްވައިފައެވެ.

0