ނަޞޭޙަތާއި އިރުޝާދު
ދުލުގެ ނިޢުމަތް

ދުލުގެ ނިޢުމަތަކީ އެ ނިޢުމަތެއްގެ ޒަރީއާއިން އަޅުގަނޑުމެން ބަސްމޮށެ އުޅޭ، އަދި އެކެއް އަނެކެއްގެ ޙާޖަތްތައް ބަޔާންކޮށްދޭ، ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ.
އިސްލާމްދީނުގެ ތަޅުދަނޑި ކަމުގައިވާ ޝަހާދަތުގެ ދެ ކަލިމައަށް (أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ الله މި ކަލިމައަށް) ހެކިވުމުގައި ދުލުން އެ ކަލިމަ ކިޔަން ޖެހެއެވެ. ހަމަ އެފަދައިން މަރުވާ ހިނދު އެ ކަލިމައަށް ހެކިވެއްޖެ މީހެއް ކަމުގައި ވާނަމަ އެމީހަކަށް ސުވަރުގެ ލިބިގެންދާނެކަން ރަސޫލާ ﷺ ބަޔާންކުރައްވާ ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ كَانَ آخِرُ كَلَامِهِ لَا إِلَّا اللَّهُ دَخَلَ الْجَنَّةَ)) މާނައީ: “އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا الله ކަމުގައި ހަދައިފިމީހާ ދަންނައެވެ. އެމީހަކު ސުވަރުގެ ވަންނާނެއެވެ.” (އަބޫ ދާއޫދު)
ރަސޫލާ ﷺ ވަނީ އެ މީހެއްގެ ދުލާއި ލަދުވެތި ގުނަވަން ރައްކާތެރި ކޮށްފި މީހަކަށް ސުވަރުގޭގެ ޔަޤީންކަން ދެއްވާފައެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގައި އެތައްގުނަވަން ތަކެއް ވާހިނދު ދެ ގުނަވަނަކަށް ރައްކާތެރިވެގެން ސުވަރުގެ ދެވޭނެކަން ބަޔާންކުރެއްވި ހިނދު، އޭގެ ތެރެއިން އެއް ގުނަވަނަކަށް ދުލުގެ ވާހަކަ ބަޔާންކުރެއްވުމުން ދުލުގެ މަތިވެރިކަން ހާމަވެގެންދެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّةَ)) މާނައީ: “ތިޔަބައިމީހުން ގެ ދުލާއި ފަރުޖު ރައްކައުތެރި ކުރާނެ ކަމުގެ ޖާމިނުކަން (ޔަޤީންކަން) ދިން މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ޖާމިނުކަން (ޔަގީންކަން) ތިމަންކަލޭގެފާނު ދެއްވަމެވެ.” (ބުޚާރީ)
އަޅުގަނޑުމެންގެ ގުނަވަންތަކުން ކުރެވޭ ހެޔޮޢަމަލުތަކަށް ވިސްނާލާއިރު ދުލަކީ އެންމެފަސޭހަ އަޅުކަންތައް ގުޅިފައިވާ އެއް ގުނަވަނެވެ. جُوَيْرِيَة رضي الله عنها ރިވާކުރައްވާފައިވެއެވެ. އެއްދުވަހަކު ރަސޫލާ ﷺ ފަތިސްނަމާދުން އަވަދިވެވަޑައިގެން ބޭރަށް ނިކުމެވަޑައިގަތްއިރު ތިމަންކަމަމަނާ ޒިކުރު ކުރަން އިންނެވީމެއވެ. އަދި އެކަލޭގެފާނު ޟުޙާ ވަގުތުގެ ފަހުން އެނބުރި ވަޑައިގަތްއިރު ވެސް ތިމަންކަމަނާ އެގޮތުގައި އިންނެވިތަން ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު ކަމަނާ ތިޔަހެން އިންނަވަނިކޮށް ހަތަރު ކަލިމައެއް ވިދާޅުވީމެވެ. އެ ކަލިމަ ވަޒަން ކޮށްފިނަމަ ކަމަނާ މުޅި ދުވަހު ތި ކިޔުއްވި އެއްޗަކަށް ވުރެ (މީޒާނުގައި) ބަރުވެގެންވެއެވެ. އެ ހަތަރު ކަލިމަ އަކީ سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ މިއެވެ.” (ރިޔާޟުއްޞާލިހީން)
ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ ގޮތުގައި ރަސޫލާ ﷺ ވަނީ ވަރަށް ގިނަ ޒިކުރުތައް ބަޔާންކޮށްދެވާފައެވެ. އަދި އެ ޒިކުރުތައް ކިޔާ މީހާއަށް ލިބޭނެ ސަވާބުގެ މަތިވެރިކަން ވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ. މި ޒިކުރުތައް ފުރިހަމައަށް ކިޔުމަށް ފަނަރަ މިނެޓް ވެސް ނުނަގާނެއެވެ. މިސާލަކަށް ރަސޫލާ ﷺ އަށް ހެނދުނު ދިހަ ފަހަރު އަދި ހަވީރު ދިހަ ފަހަރު ޞަލަވާތް ކިޔަވައިފި މީހަކަށް ޤިޔާމަތް ދުވަހުގައި ޝަފާޢަތްތެރިވެ ވަޑައިގަންނަވާނެކަން ޙަދީޘްކުރައްވާފައިވެއެވެ. (މަޖްމަޢުއްޒަވާއިދު) އިތުރަށް ބަލާލަން ބޭނުން ކަމުގައިވާނަމަ އަޅުގަނޑުމެންގެ ފޯނުގައިވާ ޒިކުރު އެޕްލިކޭޝަން ތަކުން މި ޒިކުރުތަކާއި އޭގެ ފައިދާތައް ފެންނާނެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވަނީ ދޫރައްކާތެރި ކުރުމަށް އައިސްފައިވާ ދަލީލުތަކުގައި ހިފެހެއްޓުމާއެކު، ދޫރައްކާތެރިކޮށް އެ ދޫ، މާތް ﷲ އަށް އުރެދުމަކަށް ވާކަމެއްގައި މަޝްޣޫލުނުކޮށް ދުނިޔެއާއި އާޚިރަތުގެ ފައިދާއަށް ބޭނުން ކުރުމެވެ. މާތް ﷲ އަށް އަބަދާއި އަބަދު ޒިކުރު ކުރާ، އަދި އަޅުގަނޑުމެންގެ ދުނިޔެވީ (ހުއްދަ) ޙާޖަތްތައް ފުއްދުމަށް ބޭނުންކުރާ ވަޞީލަތަކަށް ހެދުމެވެ.

0