އިބުރަތްތެރި ވާހަކަ
އަސަރުގަދަ ވާހަކައެއް: އެއްމާބަނޑު ދެބެއިން
“ސަޢުދީ އިޖްތިމާޢީ ޚިދުމަތްތެރިއެއް ކަމުގައި ވާ ނޫރާ ބިންތް ޢަބްދުލް ޢަޒީޒް ކިޔައިދެއްވިއެވެ….
“އެއްދުވަހަކު ތުއްތު ދެކުދިން ފެނުނު ކަމުގެ ރިޕޯޓެއް އަޅުގަނޑަށް ލިބުނެވެ. އެއްކުއްޖަކު މައްކާއިން އަދި އަނެއް ކުއްޖަކު ޖިއްދާއިންނެވެ. ދެކުދިން ވެސް ފެނިފައި ވަނީ އެދެރަށުގެ ދެ މިސްކިތެއްގެ ކައިރިންނެވެ.
އެދުވަސް ކޮޅަކީ މައްކާގައި ވާ ތުއްތު ކުދިންނަށް ޚާއްޞަ ބައި ފުރިފައި ވާ ދުވަސްކޮޅަކަށް ވުމުން އެތަނުން ޚިއްދުމަތް ނުދެވޭނެތީވެ، އަދި ހަމަ އެފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންވަރު ފުޅުން ޖިއްދާގައި ވާ ތުއްތު ކުދިންނަށްވާ ޚާއްޞަ ބައި ގައި ޚިދުމަތް ފަސޭހަކަމާއިކު ދެވޭނެތީ މައްކާއިން ޖިއްދާއަށް ކުދިން ގެންދިއުމުގެ ހުއްދަ އަޅުގަނޑުމެންނަށް ލިބުނެވެ.
ޖިއްދާގެ ކުޑަކުދިންގެ ޚާއްޞަ ބަޔަށް ގެނެވުނު ކުއްޖާ އާއި މައްކާއިން ގެނެވު ކުއްޖާއާއި އެދެކުދިންގެ ކިބައިގައި ވަރަށް ގިނަ އެއްގޮތް ކަންކަން ހުރިކަމަށް ފާހަގަ ކުރެވުނެވެ. އެހެންވެ ދެކުދިންގެ ރިކޯރޑުތަށް ބެލުމުން ދެކުދިން ފެނުނު ވަޤުތަކީ އެއްދުވަހެއްގައި ކަމުގައި ވެފައި ތަފާތަކީ ދެ ގަޑިއިރުގެ ތަފާތު ކަމުގައި ވިއެވެ.
އަދި މައްކާއިން ގެނެވުނު ކުއްޖާގެ ފައިގައިވި “ބާރތް ބްރޭސްލެޓް” ގެ ނަމްބަރު ހޮސްޕިޓަލުގައި ބަލައި ހޯދުމުން އެނގުނީ އެކުއްޖާ އަކީ އެއްމާބަނޑު ދެބެއިން ކުރެއް އެކަކު ކަމެވެ. އަދި އެދެކުދިން ދޫކޮށްލުމުން މަންމައާއި ބައްޕަ ދެކުދިން ގޮވައިގެން ހޮސްޕިޓަލުން ދިޔަކަން ވެސް އެނގުނެވެ.
އެއަށްފަހު އަޅުގަނޑުމެން އެހުރިހައި ޑޮކިއުމެންޓް ތަކުގެ ކޮޕީ ނަގައި، އަދި ކައިވެނީގެ ސެޓްފިކެޓް ބަލައި ކުދިންގެ މަންމަގެ އެޑްރެސް ބެލުމުން އެނގުނީ މަންމައީ ސަޢުދީ ރަށްވެއްސެއް ނޫންކަމެވެ.
އެއަށްފަހުދެކުދިންގެ ފައިގެ ޕްރިންޓު ވައްތަރު ވޭތޯ ބެލުމަށް ހޮސްޕިޓަލުން ކުރެއް އަޅުގަނޑުމެން އެދުނީމެވެ. ދެކުދިންގެ ފައިގެ ޕްރިންޓު ވެސް ވަރަށް އެއްގޮތް ކަމުގައިވިއެވެ. އެހެންވެ ދެކުދިންގެ ޑީ-އެން-އޭ ހެދީމެވެ. ނަތީޖާ އަޅުގަނޑުމެން އެންމެން ހައިރާންކުރުވި އެވެ.
ދެކުދިންގެ ޑީ-އެން-އޭ ވެސް ދިމާވި އެވެ.!!!
އެއަށްފަހު އެކުދިންގެ މަންމަ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީމެވެ. ހޯދުމަށް ފަހު އަޅުގަނޑުމެންނާއި ބައްދަލުވީ، ގައިގެ ބަޔެއް ވާގި ނެތިފައިވާ މަންމައެއް ބަލަމުން އައި އެމައިގެ ހަމައެކަނި ހުރި ދަރި ކަމުގައިވާ ޒުވާން އަންހެނަކާއި އެވެ.
އަދި އަޅުގަނޑުމެންނަށް އެނގުނީ ޢާއިލާ އަށް އެހީ ވުމަށް އެޤައުމުގެ، ސަޢުދީ ގައި މަސައްކަތް ކުރަމުން އައި ފިރިހެނަކާއި މަންމަ އެކަނބުލޭގެ ދެއްވީ ކަމެވެ.
އަޅުގަނޑުމެން އެކަނބުލޭގެ އާއި ބައްދަލުކޮށް ސުއާލު ކުރީމެވެ.
“ކަނބުލޮ އަށް ކުއްޖަކު ނުލިބޭ ތޯއެވެ!؟”
އެކަނބުލޭގެ ބުންޏެވެ.
“ނޫނެކެވެ.! އަހަރެންނަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނެވެ.!”
އަޅުގަނޑުމެން އެހީމުއެވެ.
“އެކުދިން ކޮބާތޯއެވެ؟!”
އެކަނބުލޭގެ ބުންޏެވެ.
“އެކުދިންގެ ބައްޕަ އެކުދިން ޚިތާނަ ކުރުމަށް ގޮވައިގެން ދިޔަގޮތަށް ނާދެއެވެ.!”
އެކަނބުލޭގެ އިތުރަށް ކިޔައި ދިނެވެ.
“އޭނާ ކޮބައިތޯ ހޯދައި ބެލުމުން އެނގުނީ އޭނާގެ ފޯނު ނިއްވާލައި އެންމެ ފަހުން ޤައުމުން ބޭރަށް ގޮސް ފައިވާކަމެވެ.”
އެއަށްފަހު އެތުއްތު ދެކުދިން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ވީ ވާހަކަ ބުނެ، އެކަނބުލޭގެ އެކުދިންގެ ގާތަށް ގެނައީމެވެ. އެކުދިން އެކަނބުލޭގެ އަށް ފެނުމާއި އެކު…
“އަހަރެންގެ ދަރިންނޭ، އަހަރެންގެ ދަރިންނޭ” ގޮވައި ތުރުތުރު އަޅައި ރޮއި ހެދިއެވެ.
އަޅުގަނޑު އެކަނބުލޭގެ ހަމަ ޖެހޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެކަނބުލޭގެއަށް ގޮނޑީގައި އިށީނދެގެން ވެސް އިންނަން އުނދަގޫވެ، ތަޅުން މަތީގައި އިށީނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ހެކިކޮށް ބުނަމެވެ. އަޅުގަނޑުމެންގެ ތެރޭގައި އެކަނބުލޭގެ ރުއި އެ އަސަރުގަދަ މަންޠަރު ފެނި ނުރުއި ހުރި އެކަކުވެސް ނެތެވެ. އަދި އެންމެ ހައިރާން ކުރުވީ އެދެކުދިން ވެސް މަންމަގެ އުނގު މަތީގައި އެހާމެ މަޑުމައިތިރި ކަމާއި ހަމަހިމޭންކަން މަތީ އޮތުމުންނެވެ.
އެކަނބުލޭގެ ހަމަޖެހިލުމުން އަޅުގަނޑު ކައިރިވެލާފައި އެހީމެވެ.
“ﷲ ގަންދީ ބުނަމެވެ.! ކަނބުލޭގެ ދެދަރިން ﷲ ސުބްޙާނަހޫ ވަތަޢާލާ ޙިމާޔަތް ކުރައްވައި ރައްކާތެރި ކުރައްވައި ކަނބުލޭގެ އަށް ރައްދު ކޮށްދެއްވީ، ކަނބުލޭގެ ކޮންފަދަ ދުޢާއެއް ކޮށްގެން ތޯއެވެ.؟!”
އެކަނބުލޭގެ ބުންޏެވެ.
“އެކުދިންގެ ބައްޕަ، އެކުދިން ގޮވައިގެން ޚިތާނަ ކުރަން ބުނެ، ދިޔަ ހިނދު އަހަރެން އެދެކުދިންނަށް ބުނީމެވެ.
“أَسْتَوْدِعُكُمَا اللّهُ الَّذِيْ لَا تُضِيْعُ وَدَاعِئُهُ،”..!
(މާނައީ: އަހަރެން، ތިދެބެއިން ﷲ އާއި ޙަވާލު ކުރަމެވެ. އެފަރާތަކީ އެފަރާތާއި ޙަވާލު ކުރެވޭ އެއްޗެއް ގެއްލިގެން ނުދާނޭ ފަރާތެވެ.)
އަދި އޭނާ ލަސްވެ ފޯނު ނިއްވާލުމުން އޭނާ ޤައުމު ދޫކޮށް ދިޔައީކަން އަހަރެންނަށް ޔަޤީންވިއެވެ.
ފަހެ އެއަށްފަހު އަހަރެން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް މިދުޢާ ކުރަމުން ގެންދިޔައީމެވެ.
” އޭ މޫސާގެފާނުގެ މަންމައަށް އެކަމަނާގެ ދަރިކަލުން ރައްދުކޮށްދެއްވި އިލާހެވެ! މިއަޅާއަށް މިއަޅާގެ ދަރިން ރައްދުކޮށްދެއްވާށިއެވެ.!”
އަހަރެންގެ ވެރި ރައްބުގެ ޙަޟްރަތަށް ރުއި އާދޭސްކޮށް ދުޢާ ކުރުމުގައި އަހަރެން ހޭދަކުރީމެވެ. އެންމެ ފަހަރަކުވެސް އެ އަނިޔާވެރި ބައްޕަ އެކުދިން ދުރު ދެމިސްކިތެއްގެ ކައިރިއަށް އެއްލާލާފާނޭ ކަމަށް ހިތަށް ވެސް ނާރައެވެ.”
އަޅުގަނޑު ބުނީމެވެ.
“ﷲ ތަޢާލާ ކަނބުލޭގެ ދޫކޮށެއް ނުލައްވައެވެ. އެދެބެއިން އެއިލާހުގެ ރައްކާތެރިކުރެއްވުމުން ރައްކާތެރި ކުރައްވައި ކަނބުލޭގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވިއެވެ.
ޢުމުރުން ވިހި އަހަރުގެ މަންމައެއް، ކަން ހިނގައި ދިޔަ ގޮތާމެދު ޤަބޫލު ކުރަން ވެސް ދަތިވާ ޙާލު ކުދިންނާއި އެކު އަޅުގަނޑުމެންނާއި ވަކިވެ އެނބުރި ޤައުމަށް ދިޔައެވެ.”
(މިއީ އަލް-ޢިބަރް ފޭސްބުކް ޕޭޖުން ނަގާފައިވާ ލިޔުމެކެވެ.)
0