ކޮންމެ ބަޔަކަށްވެސް އެބައެއްގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ހޯދައިދޭނެކަމާއި ކޮންމެ މީހެއްގެ ވެސް އަމިއްލަ މިނިވަންކަމާއި އިޚްތިޔާރަށް އިޙްތިރާމް ކުރާނެކަމަށް ގޮވާ އަޑު އުފުލުމަކީ ޙައްޤުތަކަށް ވަކާލަތު ކުރާ “ބައިގަނޑުގެ” ވަރަށް އާއްމު ގޮވުމެކެވެ. އަދި ޑިމޮކުރަސީއާއި އޭގެ ދުލިފަތުރަން އުޅޭ މީހުންގެ ވެސް ގޮވުމެކެވެ. އެހެންނަމަވެސް އަޅުގަނޑުމެން ދެނެގަންނަންވީ ކަމަކީ އެބައިމީހުންގެ އެގޮވުމަކީ އަމިއްލަ އެދުމުން ފޯވެފައިވާ، އެބައިމީހުންގެ ވަކި އެޖެންޑާތަކެއް ފަތުރަން ގޮވަމުންދާ ގޮވުންތަކެއް ކަމެވެ.
ދުރުކަށް ނުދާނަމެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއަށް ޑިމޮކުރަސީ ގެނެސް ފައްކާ ކުރަމުންދާއިރު ފެންނަމުންދާ ކަންކަމަށް ބަލާލުމުންވެސް މިބުނެވުނު ބަހުގެ ތެދުކަން އެނގޭނެއެވެ. އެކިއެކި ޙައްޤުތަކުގެ ނަމުގައި އަޅުގަނޑުމެންގެ ހަރުދަނާ އިސްލާމީ އަޤީދާއާއި ރިވެތި އިސްލާމީ އުސޫލުތައް ނެތިކޮށް، ޚަރާބު ކުރުންތައް މިދަނީ ދުވަހެއް ދުވަހަކަށް ގިނަވެ އިތުރުވަމުންނެވެ. އެއްކަލަ “ޙައްޤުތަކާއި އިންސާފުގެ” ހުދު ބޯޑުގެ ފަހަތުގައި ތިބެގެންނެވެ.
އެގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކަންކަމަށް ނަޒަރު ހިންގާލާއިރު، ޑިމޮކުރަސީގެ ތެރެއިން އަޅުގަނޑުމެނަށް ލިބުނު އެއްމޭވާއަކީ، އަޅުގަނޑުމެންގެ މޫނު ބުރުގާއެޅި އުޚުތުން ބާކީކުރަމުން ދިޔަ ބާކީކުރުން ތަކެވެ. އެކަނބަލުންގެ ވަޒީފާތަކުން ކަނޑާލާ ވަކިކުރުމުގެ ހަމައެކަނި ބަހަނާއަކީ އެކަނބަލުން އިސްލާމީ ޖިލްބާބުން ނިވާވެ، މޫނު ބުރުގާ އަޅާކަމެވެ. ޑިމޮކުރަސީގެ ބައްޕައިންނާއި މަންމައިން ކަމަށްވެގެން ތިބިމީހުންގެ ކުރިމަތީ މިކަންކަން ވެގެންދާއިރުވެސް ކަހާތަން ހިރުވާލާނެ ހިތްވަރުވެސް އޭގެން މީހެއްގެ ނެތްފަދައެވެ. އެންމެނަށް ފުރިހަމަ ޙައްޤު ކަށަވަރުކޮށްދީ، އަންހެނުންނަށްވެސް ފުރުޞަތުތައް ހޯދައިދޭނެ ކަމެއް ގޮވަމުންދިޔަ ބައިގަނޑުގެ ހިލަމެއްވާން ހިތަށްވެސް ނާރާކަހަލައެވެ. ވާނީވެސް އެހެންތާއެވެ. އަމިއްލަ އެދުމައިގެން ފޯވެފައިވާ، ނުބައި އަނދިރި އެގެންޑާ ފަތުރަން އުޅޭބަޔަކަށް އެހެންކަމެއް، އެހެންމީހުންގެ ޙައްޤެއް މުހިއްމެއް ނުވާނެއެވެ. ނޫނީ ރައްޔިތުންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރާ ދުވަސް އަދި ނާންނަނީއެވެ. އެދުވަހުން ކަރުގެ ނާރުތައް ފަޅައިގެންދާވަރަށް އެކިއެކި ޕޯޑިއަމްތަކުގައި ހަޅޭލަވާތީ ފެންނާނެއެވެ.
މޫނު ބުރުގާ އެޅުމަކީ ވާޖިބެއްތޯ ނުވަތަ ނުންތޯ އެބަހުޘަށް މިލިޔުމުގައި އަޅުގަނޑު ދާކަށްނެތީމެވެ. ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އެކަނބަލުން އިސްލާމީ ޖިލްބާބުން ނިވާވެ، މޫނު ބުރުގާ އެޅީ އަމިއްލަ މިނިވަންކަމާއެކު އަމިއްލަށް ބޭނުންވެގެންނެވެ. އެއީ އެކަނބަލުންގެ އަމިއްލަ އިޚްތިޔާރެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އަށް ފުރިހަމަ ގޮތުގައި ތަބާވެ، އަދި މިދީނަށް ފުރިހަމައަށް އުޅުމަށްޓަކައި ވާ ޤުރުބާނީއެކެވެ. ވީއިރު އެއްކަލަ ޙައްޤުތަކުގެ ބައިގަނޑަށް މިކަން ހަޖަމްނުވަންވީ ކީއްވެގެންތޯއެވެ. އެމީހުން އެބުނާ ކަހަލަ “ވިސްނޭ ކޫލް” ބަޔަކަށް ނުވިޔެންނޫންތޯއެެވެ. އަޅުގަނޑު ހައިރާނެއް ނުވެއެވެ. އެހެނީ އެބައިމީހުންގެ އެގޮވުންތަކަކީ ޢަދުލާއި އިންސާފުގެ ތިލަފަތުން ކިރޭނެ އެއްޗެއް ނޫނެވެ. ނިސާ ސޫރަތުގެ 27 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. (وَیُرِیدُ ٱلَّذِینَ یَتَّبِعُونَ ٱلشَّهَوَ ٰتِ أَن تَمِیلُوا۟ مَیۡلًا عَظِيْمًا)
އަދި، އަމިއްލަ އެދުންތަކަށް ތަބަޢަވާ މީހުން އެދެނީ (ޙައްޤުގެ މަގު ފިޔަވައި ބާތިލުގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.
ތިޔަބޭފުޅުން ހަނދުމަހުންނާނެ ކަމަށް ހީކުރަމެވެ. މީގެ މަސްތަކެއް ކުރިން އަމިއްލަ ޖިންސު އޮޅިގެން، ނުގުޅޭ ހެދުމެއް ލެވުނު މީހެއްގެ ދިފާއުގައި “suitsme” ހޭޝްޓެގް ބޭނުންކޮށް، ބަޔަކު އޭނާގެ ދިފާއުގައި ތެދުވިތަން ދުށީމެނޫންތޯއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ އުޚުތުންނަށް، އެކަނބަލުންނަށް ޙާއްސަ މޫނުބުރުގާ އެޅުމުގެ ސަބަބުން، އެތައް ފަހަރަކު ލިބެމުންދިޔަ ބޭއިންސާފާއި އަނިޔާގެ ދިފާޢުގައި އެމީހުންނަށް ކުރެވުނެ ކަމެއް ނެތެވެ. އެންމެ ކުޑަމިނުން އެކަމާ ދެކޮޅަށް ސޯސަލް މީޑިޔާގައި ބަހެއް ބުނެލަންވެސް ނުކެރުނެވެ. ލަނޑަޔާވަނީ ހަމަ ލަނޑަޔާއެވެ. އެބަޔަކު ހިތްއެދޭ، ފަތުރަން މަސައްކަތް ކުރާ ކަންކަމާ ދިމާވުމުން، އެކަމަށް ތާއިދުކޮށް ބަހަނާ ދައްކާތަން ފެންނާނެއެވެ.
ލާހެދުމަކުން މީހެއްގެ ޢަޤީދާއަށް އަސަރުނުކުރާނެ ކަމަށް ގޮވަމުންދިޔަ މީހުންނާއި، އަދިކޮބާތޯ! އައުރަ ނިވާނުކޮށް މުސްލިމް މުޖުތަމަޢުގެ ތެރެއަށް ވަންނަން އުޅުމުން އޭނާ ހިފަހަށްޓާ، ޢައުރަ ނިވާކުރަން އުޅުމުން ދެފަޔަތް ހިިނި އަރައިގެން އުޅުންމީހުންވެސް އަޅުގަނޑުމެން މިމުޖުތަމަޢުން ދެކުނީމެއްނޫންތޯއެވެ. ލޮބުވެތި މުސްލިމުނޭވެ! ދަންނަވާލަންތޯއެވެ. ޙައްޤާއި ބާތިކަލީ ދުވަހަކުވެސް އެކުވާނެ އެއްޗެއް ނޫނެވެ. ޙައްޤުގެ ނިވާފަތްގަނޑުގައި ބާތިލްގެ އަހުލުވެރިން ތިބިނަމަވެސް އެއީ ކޮންބައެއްކަން ފާޅުވެ އެނގިގެންދާނެއެވެ. ދުނބުރިއެއް ކިތަމެވަރަކަށް ދޮންކުރިޔަސް އަނބަކަށް ނުވާފަދައިން އެބައިމީހުންނަކީ ޙައްޤުގެ ލިބާސްލައިގެން ތިބި މުނާފިޤުންގެ ސިފަ ލިބިގެންވާ ބައެކެވެ.
ޔާﷲ…އަޅަމެންނަށް ޙައްޤު ޙައްޤުގެގޮތުގައި ދައްކަވާ، ޙައްޤަށް ފުރިހަމައަށް ތަބާވުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި! އަދި ބާތިލް ބާތިލްގެ ގޮތުގައި ދައްކަވާ، އެއިން އަޅަމެން ސަލާމަތް ކުރައްވާށި!