ޚަބަރު
އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާދަ ކުދިންގެ ކިބައިގާ ހަރުލައްވަން ޖެހޭނެ: ހުކުރުޚުތުބާ

އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާދަ ކުދިންގެ ކިބައިގާ ހަރުލައްވަން ޖެހޭނެކަމަށް މިއަދު ހުކުރު ޚުުތުބާގައި ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “މި އުއްމަތުގެ ޅަދަރީންނާއި، ޒުވާނުން ތަރުބިޔަތުކޮށް ހާނުވަންވީ، މި ނަމޫނާގެ މައްޗަށެވެ. އެކުދިންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި، ހީވާގި ބަޔަކަށް ހަދަން ޖެހޭނެއެވެ. އަމިއްލައަށް ކުރެވޭވަރުގެ އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާދަ އެކުދިންގެ ކިބައިގާ ހަރުލައްވަން ޖެހޭނެއެވެ. ގޭތެރޭގައާއި، މުޖްތަމަޢުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙު އަށަގަންނުވަން ޖެހޭނެއެވެ. ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިއަ ދީގެން ނުވާނެއެވެ. މަސައްކަތް ކުރުމަކީ ޙައްޤެކެވެ. އެއީ ޝަރަފެކެވެ. އެއީ ވާޖިބެކެވެ. އަދި އެއީ ކުރިއެރުމެއްކަން ދަނެ، އެ ޝިޢާރު އުފުލަންޖެހޭނެއެވެ.”

 

އިސްލާމް ދީނުގައި މަސައްކަތްތެރިކަމަށް ދެއްވާފައިވާ އަހައްމިއްޔަތު ވަރަށް ވެސް ބޮޑެވެ. އިސްލާމް ދީން ގޮވާލަނީ މަސައްކަތް ނުކޮށް ކަންނެތްވެފައި ނުތިބުމަށެވެ. މުރާލިކަމާއި، ހީވާގިކަމާއެކު، ހުއްދަ މަސައްކަތްތައް ކޮށް ރިޒުޤު ހޯދައި އުޅުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވައި ގޮވާލައްވާފައި ވެއެވެ. ހަމަ އެފަދައިން އިސްލާމް ދީން ގޮވާލަނީ މަސައްކަތް ކޮށްގެން ތިމާގެ ދިރިއުޅުންބިނާކުރުމަށެވެ.

0