ޚަބަރު
ދަތިކަމާއި ހިތްދަތިކަމުގެ ވަގުތުގައި އެކުވެރީންކަމުގައި ހެދިގެން އުޅޭ މީހުން އޭނާ ދޫކޮށް ދާތަން ފެންނަމުންދޭ: ހުކުރުޚުތުބާ

ދަތިކަމާއި ހިތްދަތިކަމުގެ ވަގުތުގައި އެކުވެރީންކަމުގައި ހެދިގެން އުޅޭ މީހުން އޭނާ ދޫކޮށް ދާތަން ފެންނަމުންދާކަމުގައި  މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ”  ހަރުބަހެއް ގައިވާ ގޮތުގައި ރަޙްމަތްތެރީން އެނގޭނީ މުޞީބާތުގެ ވަގުތުގައެވެ. މީހަކާ މުޞީބާތެއް ނުވަތަ ކާރިޘާއެއް ނުވަތަ ދަތިކަމެއް ކުރިމަތިވުމުން، އޭނާގެ ގާތުގައި އެކުވެރީންކަމުގައި ހެދިގެން އުޅުނު ގިނަ ބަޔަކު، އޭނާ ދޫކޮށް ދުރަށް ދާތަން ފެނެއެވެ. ﷲ ގެ ނަބިއްޔާ އައްޔޫބުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ މުއްސަނދިކަމާއި، ތަނަވަސްކަން ގެއްލިގެން ދިޔަ ވަގުތު، އަދި އެކަލޭގެފާނުގެ ބޭފުޅުން އަވަހާރަވުމުން، އެކަލޭގެފާނަށް ޒިޔާރަތްކުރަމުން ދިޔަ މީހުންނާއި، އެކަލޭގެފާނުގެ މަޖިލީހަށް ޙާޒިރުވަމުން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު، އެކަލޭގެފާނު ދޫކޮށް، ދުރަށް ދިޔައެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބީ އިޚްލާޞްތެރި މަދު ރަޙްމަތްތެރީންކޮޅެކެވެ. އިބްނު ޙައްސާން ރިވާކުރައްވާފައިވާ ގޮތުގައި، އައްޔޫބުގެފާނު އާލާސްކަންފުޅުގައި، އަށާރަ އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނު ދޫކޮށްނުލައި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރަމުން ދިޔައީ ހަމަ އެންމެ ދެ މީހެކެވެ. ”

 

ރަޙްމަތްތެރީންގެ އަސަރަކީ، ވަރަށް ވަރުގަދަ، ވަރަށް ބާރުގަދަ ނުފޫޒެކެވެ. އެހެންކަމުން ރަޙްމަތްތެރީން އިޚްތިޔާރު ކުރާއިރު، ވަރަށް ރަނގަޅަށް ބަލައި، ރަނގަޅު މީހުން ހޮވަންޖެހޭނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. މާނައީ: “ކޮންމެ މީހަކީ، އޭނާގެ އެކުވެރިޔާގެ ގޮތުގެ މަތީގައި އުޅޭ މީހެކެވެ. ތިޔަބައިމީހުން ކުރެ، މީހަކު ރަޙްމަތްތެރިއަކު ހޯދާއިރު، އެ މީހަކަށް ރަނގަޅަށް ބަލާހުށި ކަމެވެ!” އިންސާނުންގެ މިޒާޖުގައި ރަޙްމަތްތެރިންނާއި، އެކުވެރިން ކޮޕީ ކުރާ ގޮތް ހުރެއެވެ. އޭނާގެ ނުބައި އަޚްލާޤުން މީނާއަށް ނުބައި އަސަރު ފޯރުވައެވެ. އަހިވަކާޖެހި، އަހިވައް ފާވާގޮތަށެވެ. ހެޔޮ ކަންތައްތަކުގެ އަސަރަށް ވުރެ، ނުބައި ކަންތައްތަކުގެ އަސަރު ޢާއްމު ގޮތެއްގައި މާ ވަރުގަދައެވެ. ވަރަށް ގިނަ ފަހަރަށް ސިނގިރެޓް ބުއިން ފަދަ، ނުބައި ޢަމަލުތައް ދަސްވަނީ، ތިމާގެ ރަޙްމަތްތެރިޔާގެ ކިބައިންނެވެ. މަސްތުވާތަކެތީގެ ދަލުގައި ޖެހެނީ، ރަޙްމަތްތެރިޔާގެ އިސްލާމް ދީން މަނާކުރާ، ފާޙިޝް ޢަމަލުތަކުގެ ޖާދޫގައި ޖެހެނީ ރަޙްމަތްތެރީންގެ ސަބަބުންނެވެ.

0