ނަޞޭޙަތާއި އިރުޝާދު
ހަވާނަފްސަށް ތަބާވެގެން އުޅުމަކީ، މާތް ﷲ ގެ ކޯފާ ޙައްޤުވެ، ނުރައްކަލާއި ކުރިމަތިވާ ކަމެއް

ހިތްޕުޅަށް ނިކަން ގެންނަވާށެވެ! އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮތީ ދެކޮޅުވެރިކަމާއި، ނަފްރަތާއި، ފަސާދައެވެ. އާދައިގެ ކުދިކުދި ކަންކަމުގައި ވެސް ހަނގުރާމަކޮށް ލޭ އޮހޮރުވައިލުމެވެ. އެކަންކަން އިޞްލާޙު ކުރުމަށްޓަކައި އިސްލާމްދީނުގައި ހަރުދަނާ ޤަވާޢިދުތަކެއް ކަނޑައެޅުއްވި އެވެ. މާތް ﷲ ކަނޑައަޅުއްވާފައިވާ މިފަދަ ޤަވާޢިދުތައް މުގުރާލައި ހިތު ހުރި ގޮތަކަށް އުޅުމަކީ އެކަލާނގެ ދެއްވި ނިޢުމަތަށް ކުފުރު ވުމެވެ. މިފަދަ ކަންތައް ޢާއްމުވުމަކީ އަހަރެމެންގެ ނަފްސުތައް މާތް ﷲ ގެ ކޯފާ އަށް ހުށަހެޅިގެން ހިނގައިދާނެ ކަމެކެވެ. އެހެންވެ އެކަލާނގެ ވަޙީކުރައްވާ އާޔަތުގެ މާނައިގައިވެއެވެ.  “ދެން ﷲ ގެ ނިޢުމަތްތަކަށް އެ ރަށުގެ މީހުން ކާފިރު ވިއެވެ. ދެން އެއުރެން ކޮށް އުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާން ލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވި އެވެ.” މުސްލިމް އަޚުންނޭވެ! މިފަދަ ނުބައި ޢަމަލުތަކުން ދުރުހެލި ނުވެ، ހަވާނަފްސަށް ތަބާވެގެން އުޅުމަކީ، މާތް ﷲ ގެ ކޯފާ، އެބަޔަކަށް ޙައްޤުވެދާނެ ކަމެކެވެ. ހަމަ އެއާ އެކު ދުނިޔޭގައި އެބައިމީހުންނަށް ނުރައްކަލާ ކުރިމަތިވާ ކަމެކެވެ.

0