ނަޞޭޙަތާއި އިރުޝާދު
ﷲއަށްޓަކައި މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ.
އޭ ތައުފީޤު ލިބިގެންވާ ފިރިހެން ދަރިފުޅާއެވެ!
އަދި ބަރަކާތްލެއްވިގެންވާ އަންހެން ދަރިފުޅާއެވެ!
الله އަށްޓަކައި… !
الله އަށްޓަކައި މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ.
އަދި ޚާއްޞަކޮށް ތިބާގެ މަންމައަށެވެ.
އެއީ ރަޙުމާއި ހަމްދަރުދީގެ މުރައްބީއެވެ.
އޯގާތެރިކަމުން އެކަމަނާގެ ހިތް ފުރިގެންވެއެވެ.
9 މަސް ބަނޑުގައި ތިބާ އުފުލިއެވެ.
އަދި ތިބާ އުފުލުމުގައި ވޭން ތަޙައްމަލްކުރިއެވެ.
އަދި ވިހެއުމުގައިވާ ވޭނާއި ކެކުޅުން ތަޙައްމަލްކުރިއެވެ.
އަދި ތަކްލީފާއިއެކު ތިބާއަށް ބަލިވެއިނެވެ.
އަދި ހަމައެފަދައިން ތަކްލީފުގައި ތިބާ ވިހެއެވެ.
އަދި ތިބާ ވިހެއި ވަގުތުގައި މަރުފެންނަފަދަ ޙާލަތެއްގައި ވިއެވެ.
އެވަގުތުގައި ވޭނުގައި ހަޅޭއްލަވައި ރޮއި ހެދިއެވެ.
ނަމަވެސް ތިބާ ދުނިޔެއަށް އުފަންވެ އެކަމަނާގެ ކައިރީގައި ބޭއްވި ހިނދު ހުރިހާ ވޭނާއި ކެކުޅުންތައް ހަނދާންނައްތާލިއެވެ.
އަދި އެކަމަނާގެ ހުރިހާ އުންމީދުތަކަކީ ތިބާކަމުގައިވިއެވެ.
ތިބާގެ ކިބައިން އުފާވެރިކަމާއި ދިރިހުރުމާއި އެއިގެ ޒީނަތްތެރިކަން އެމައިކަމަނާއަށް ފެނުނެވެ.
އެއަށްފަހު ރެޔާއި ދުވާލު ތިބާގެ ޚިދުމަތުގައި އެކަމަނާ މަޝްޣޫލުވިއެވެ.
އަދި އެކަމަނާގެ ސިއްޙަތުން ތިބާއަށް ބައި އެޅިއެވެ.
އަދި އެކަމަނާގެ ގާތުންދޭ ކިރަކީ ތިބާގެ ކެއުމެވެ.
އަދި ތިބާގެ ގެއަކީ އެކަމަނާގެ އުނގެވެ.
އަދި ތިބާ ދަތުރު ކުރާ އުޅަނދަކީ އެކަމަނާގެ އަތާއި މެޔެވެ.
ތިބާ ނިދާފައިވީ ހިނދު އެކަމަނާ ދަންވަރު ނުނިދާ ހުއްޓެވެ.
އަދި ތިބާއަށް އުނދަގޫވާ ކަންތައްތައް އެކަމަނާއަށްވެސް އުނދަގޫކުރުވިއެވެ.
ތިބާ ހިތްހަމަޖެހުމަށްޓަކައި އެކަމަނާ ނުނިދާ ހޭލާހުއްޓެވެ.
އަދި ތިބާގެ ކިބައިން ބޭރުވާ ނަޖިސްތައް ފޫހިކަމެއްނެތި ސާފުކުރިއެވެ.
އަދި އެކަންކަން ރުހުމާއެކު ތަޙައްމަލްކުރިއެވެ.
ތިބާ ވަށައިލާ ތިބާ ބެލެހެއްޓިއެވެ.
އަދި ތިބާގެ ދިރިހުރުމާއި އެކަމަނާގެ މަރުވުމާއި ދެމެދު ޚިޔާރުކުރަން ޖެހުނުނަމަ ތިބާގެ ދިރިހުރުން އިސްކުރީހެވެ.
ތިބާ އެކަމަނާއާއި މެދު ގޯސްކޮށް ކަންތައްކުރީ ކިތައްފަހަރުހެއްޔެވެ؟
ނަމަވެސް ސިއްރުގައި އަދި ފާޅުގައި ތިބާއަށް ތައުފީޤު ދެއްވާތޯ ދުޢާ ކުރެއެވެ.
އެކަމަނާ ބަނޑުހައިވެހުރެ ތިބާގެ ބަނޑުހައިކަން ފިލުވައިދީފައިވަނީ ކިތައް ފަހަރު ހެއްޔެވެ؟
އަދި ރޭގަނޑު ނުނިދައިހުރެ ތިބާ ނިންދަވައިފައިވަނީ ކިތައްފަހަރު ހެއްޔެވެ؟
އަދި ތިބާ އަރާމުކުރުމަށްޓަކައި ވަރުބަލިކަން ޚިޔާރުކޮށްފައިވަނީ ކިތައްފަހަރު ހެއްޔެވެ؟
އަދި އެކަމަނާ ލޯބިކުރާ ކިތަންމެކަމެއް ތިބާއަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރަށްޓަކައި ޤުރުބާންކުރިއެވެ.
އެއީ ތިބާއަށް އޯގާތެރިވުން ބޮޑު އަދި ތިބާއަށްޓަކައި ރަޙުމްކުރާ މަންމައެވެ.
ތިބާ ކުޑައިރުގެ ދުވަސްތައް މަތިން ހަނދާންނެތުނީ ހެއްޔެވެ؟
އެކަމަނާގެ ލޮލުކުރިމަތިން ތިބާ ގެއްލޭއިރަށް އަދި ފުރަގަސްދީ އެނބުރި ދާއިރަށް ތިބާއަށް ގޮވައި ކައިރައަށް ގެންނާނެއެވެ.
އަދި ނުބައިކަމެއް ތިބާއަށް ކުރިމަތިވާހިނދު ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރެއެވެ.
އަދި އެކަމަނާގެ ކިބައިގައިވާ ކޮންމެ ހެޔޮކަމެއް ތިބާއަށް ލިބުމަށް އެދެއެވެ.
އަދި އެކަމަނާގެ ގާތުގައި ތިބާ ހުންނައިރު ނުވަތަ ލޮލުގެ ކުރިމަތީގައި ތިބާ ހުންނައިރު އެއްވެސް ގެއްލުމެއް ނުލިބޭނެކަމަށް ޔަޤީންކުރެއެވެ.

މިހުރިހާ ކަމަކަށްފަހުވެސް ތިބާ އެކަމަނާއަށް ނުކިޔަމަންތެރިވަނީ ހެއްޔެވެ؟

———–

📚 މަޞްދަރު: بيوت تئن من المشاكل والخلافات الأسباب والعلاج لأحمد بن ناصر الطيار
📚 ތަރުޖަމާ: ޝައިޚް ޢީސާ ޙުނައިނު ޙުސައިން
0