ނަޞޭޙަތާއި އިރުޝާދު
އިބްނު ޢުމަރު رضي اللّه عنهما

ابن عمر رضي الله عنه އިސްލާމްވެވަޑައިގަތީ ބައްޕާފުޅާއި އެކީ ގައެވެ. މަދީނާއަށް ހިޖުރަ ކުރެއްވިއިރު ابن عمر رضي الله عنه ގެ ޢުމުރަކީ 10 އަހަރެވެ. ޚަންދަޤު ހަނގުރާމައާއި އޭގެ ފަހުގެ ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގަތެވެ

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي، فَقَالَ: «كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ»

وَكَانَ ابْنُ عُمَرَ يَقُولُ: “إِذَا أَمْسَيْتَ، فَلَا تَنْتَظِرِ الصَّبَاحَ. وَإِذَا أَصْبَحْتَ، فَلَا تَنْتَظِرِ الْمَسَاءَ. وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ.” [رواه البخاري]

މާނައީ: އިބްނު ޢުމަރު رضي اللّه عنهما ރިވާކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ކޮނޑުގައި ހިއްޕަވާ، ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ބީރައްޓެއްސެއް ނުވަތަ ދަތުރުވެރިއެއް ފަދައިން މިދުނިޔެމަތީގައި ތިބާ އުޅޭށެވެ.”

އަދި އިބްނު ޢުމަރު رضي اللّه عنهما ވިދާޅުވެއެވެ. “ހަވީރު ވެއްޖެނަމަ، ފަހެ ހެނދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ، ފަހެ ހަވީރަށް އިންތިޒާރު ނުކުރާށެވެ. އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ލިބިގަންނާށެވެ.”

ޒުވާން ޞަޙާބީ ބޭކަލުންނަށް ދަމުނަމާދުކުރެއްވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިތްވަރުފުޅުދެއްވެވިއެވެ. މިގޮތުން عبدالله بن عمر رضي الله عنهما އަށް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. نعم الرجل عبدالله لو كان يصلي من الليل. މާނައީ: “ރޭއަޅުކަންކުރައްވާ ކަމަށްވާނަމަ، ޢަބްދުﷲ އަކީ، ރަނގަޅު ބޭކަލަކު ވީހެވެ.”(متفق عليه)  عبدالله بن عمر ގެ ދަރިކަލުން ސާލިމް ވިދާޅުވިއެވެ.”މި ބަސްފުޅު އިވިވަޑައިގަތުމަށްފަހު ތިމަންގެ ބައްޕަ ރޭގަނޑު ވަރަށް މަދު ވަގުތުކޮޅަކަށް މެނުވީ ނުނިދައެވެ.”

0