ނަޞޭޙަތާއި އިރުޝާދު
ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާއަށް ޢަރަފާތްދުވަހު ރޯދަ ނުހިފޭނަމަ ކަންތައްކުރާނީ ކިހިނެއް؟

ޢަރަފާތް ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. އެ ދުވަހަކީ ﷲ ތަޢާލާގެ އަޅުތަކުންކުރެ އެންމެ ގިނަ އަޅުތަކުން ނަރައިން މުއްތި ކުރައްވާނެ ދުވަހެވެ.

 

ނަބިއްޔާ صلى الله عليه وسلم ޢަރަފާތް ދުވަހު ރޯދަހިފުމަށް އެކަލޭގެފާނުގެ އުންމަތަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

މާނައީ: ”ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

(رواه مسلم)

 

ނަމަވެސް ޙައިޟު، ނިފާސް، ނުވަތަ ބަލިމަޑުކަމެއް ފަދަ ސަބަބަކާއިހުރެ އަޅުގަނޑުމެނަށް އެދުވަހުގެ ރޯދަ ހިފުމަށް އުޒުރުވެރިވާ ޙާލަތެއް މެދުވެރިވެދާނެއެވެ. ނަމަވެސް އެއްގޮތަކަށްވެސް އެކަމާ ދެރަނުވާށެވެ!

ޢަރަފާތް ދުވަހުގައި ރޯދަ ނުހިފުމަކުން އެދުވަހުގެ ދަރުމައާއި ސަވާބު ގެއްލުނީކީ ނޫނެވެ.

 

ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުން އެއިލާހުވަނީ އެއިލާއި ކުއްތަންވުމަށް ތަފާތު ގިނަ އަޅުކަންތަކެއް ލައްވާފައެވެ. އެގޮތުން ޢަރަފާތް ދުވަހު އެއިލާހާ ކުއްތަންވުމަށްޓަކައި އަޅުގަނޑުމެނަށް ކުރެވިދާނެ އަޅުކަންތައްތައް ވަރަށް ގިނައެވެ.

  1. ދުޢާ ކުރުން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ.”

(رواه الترمذي وحسنه الألباني)

ނަބިއްޔާ صلى الله عليه وسلم ޙައްޖަތުލް ވަދާޢުގައި އަރާފާތު ބިމުގައި އެ ދުވަހު މެންދުރުން ފަށިގެން އިރު އޮއްސެންދެން އެކަލޭގެފާނުގެ އަތްޕުޅު އުފުއްލަވައިގެން ހުންނަވާ ދުޢާކުރެއްވި ކަމުގައި ވެއެވެ. މިކަމުން ވެސް އަންގައިދެނީ ޢަރަފާތު ދުވަހުގައި ދުޢާކުރުމުގެ މުހިންމުކަމެވެ.

  1. ރޯދަ ވެރިންނަށް ރޯވީލުން ފޯރުކޮށްދިނުން

ޢަރަފާތު ދުވަހުގައި ޢާއިލާ މެންބަރުންނަށާއި ރައްޓެހިންނަށް އަދި އަވަށްޓެރިންނަށް ރޯދަ ވީލުން ފޯރު ކޮށްދެވިދާނެއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

” ރޯދަވެރިއަކަށް ރޯދަވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ އަޒުރު އެނާއަށްވެސް ލިބޭ ހުއްޓެވެ. އެއީ އެ ރޯދަވެރިޔާގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއްނެތިއެވެ.” (سنن ابن ماجه)

އެގޮތުން އަންހެންބޭކަނބަލުން ރޯދަ ވީއްލުން ތައްޔާރު ކުރައްވާއިރު ރޯދަ ވީއްލުމެއް ދެއްވުމުގެ ނިޔަތުގައި ކާތަކެތި ތައްޔާރު ކުރެވިދާނެއެވެ. އަދި ފިރިހެން ބޭފުޅުންނަށް ވެސް އެނިޔަތުގައި ކެއްކުމަށް ބޭނުންވާ ތަކެތި އެކަނބަލުންނަށް ގަނެދެވިދާނެއެވެ. އަދި އަންހެންބޭކަނބަލުންނަށް ބަދިގޭގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. އަދި އަވައްޓެރިންނާއި ރައްޓެހިންނަށް ގޭގައި ކައްކާ ތަކެތިން މިންވަރެއް ފޯރުކޮށްދެވިދާނެއެވެ.

  1. ޒިކުރު ކުރުން

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ” ދޫމައްޗަށް ފަސޭހަ، މީޒާނުގައި ބަރުދަންބޮޑު، ރަޙްމާންވަންތަ ރަސްލަކާނގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑު ދެ ކަލިމައެއްވެއެވެ. (އެއީ) “سُبْحَانَ اللهِ وَبِحَمْدِه سُبْحَانَ اللهِ الْعَظِيْمِ”  (މާނައީ: އެންމެހާ ޙަމްދުތަޢުރީފް ލިބިވޮޑިގެންވާ ﷲގެ ހުސްޠާހިރުވަންތަކަމާއެވެ. ﷲގެ ހުސްޠާހިރުވަންތަކަމާއި މަތިވެރިވަންތަކަމުގެ ބޮޑުކަމާއެވެ.) މިދެކަލިމައެވެ.” (البخاري و مسلم)

 

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

” لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ” (އެބަހީ: ﷲ މެނުވީ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ޝަރީކަކު ބައިވެރިޔަކުނުވެއެވެ. ހުރިހާ ވެރިކަމެއް މިލްކުވެވޮޑިގެންވަނީ، އެކަލާނގެއަށެވެ. އަދި ހުރިހާ ޙައްދެއް މިލްކުވެ ވޮޑިގެންވަނީ، އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.) ކޮންމެ ދުވަހަކު 100 ފަހަރު، މި ކަލިމަތައް ކިޔައިފި މީހާ، 10 އަޅުން މިނިވަންކުރި މީހެއްފަދައެވެ. އަދި އެ މީހަކަށް 100 ހެޔޮކަން ލިޔުއްވޭހުއްޓެވެ. އަދި އެ މީހެއްގެ ކިބައިން 100 ކުށްފާފަ ފިއްލެވޭހުއްޓެވެ. އަދި އެ ދުވަހުގެ ހަވީރުވެއްޖައުމަށް ދާންދެން އެ ކަލިމަތައް އެއީ، ޝައިޠާނާގެ ކިބައިން އޭނާއަށްވާ ރައްކައުތެރި ކަމެއްކަމުގައި ލައްވާހުއްޓެވެ. އަދި އެއަށްވުރެ ގިނައިން އެ ކަލިމަތައް ކިޔެވި މީހަކުފިޔަވައި އެއަށްވުރެ ވަކިން އިތުރުކަންބޮޑު ކަމެއްކުރި އެހެން މީހަކު ނުވާހުއްޓެވެ.

އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދުވާލަކު ސަތޭކަފަހަރު سُبْحَانَ اللَّهِ ، وبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ (މާނައީ: ﷲގެ ހުސްޠާހިރު ވަންތަކަމާއެވެ. އަދި ހުރިހާ ޙަމްދެއް މިލްކުވެ ވޮޑިގެންވަނީ އެކަލާނގެއަށެވެ.) މިފަދައިން ކިޔައިފި މީހެއްގެ ފާފަތައް ކަނޑުގެ ފޮނުގަނޑެކޭ އެއްވަރުވި ނަމަވެސް، އެ މީހަކަށް އެފާފަތައް ފުއްސެވޭހުއްޓެވެ.” (البخاري و مسلم)

 

  1. ޞަދަޤާތްކުރުން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“އަދި ފެން ޖެހުމުން އަލިފާން ނިވޭ ފަދައިން، ޞަދަޤާތުގެ ސަބަބުން ކުށް ފާފަތައް ފުހެވިގެންދެއެވެ.”  (الترمذي)

  1. މައިންބަފައިންނަށް އަޅާލާ އޯގާތެރިވެ އެދެމީހުނަށް ޚިދުމަތްކުރުން

ﷲ ތަޢާލާ ވަނީ އެއިލާހަށް އަޅުކަންކޮށް އެ އިލާހާއި އެއްވެސް ފަރާތެއް ޝަރީކު ނުކުރުމަށް އަމުރުކުރުމަށްފަހު ބައިންފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރު ކުރައްވާފައެވެ. އަދި ޚާއްސަކޮށް އެ ދެމީހުން އުމުރުން ދުވަސްވެއްޖެ ކަމުގައިވާނަމައެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވުނު މީހާއެވެ.” ( مسلم)

  1. ޤުރްއާން ކިޔަވާ އެއާމެދު ވިސްނާ ފިކުރު ކުރުން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

”ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް ا އަކީ އަކުރެކެވެ. ل އަކީވެސް އަކުރެކެވެ. އަދި م އަކީވެސް އަކުރެކެވެ.” (الترمذي)

ޙައިޟުވެރިޔާ އަދި ނިފާސްވެރިޔާއަށް ހިތުން ނުވަތަ މުޞްޙަފުގައި އަތްނުލާ ޤުރްއާން ކިޔެވުން ހުއްދަކަމަށް އައްޝެއިޙް އިބް ބާޒް ދެކެވައިޑައިގަންނަވައެވެ.

 

ދުޢާއަކީ އަޅުގަނޑުމެންގެ ފާފަތައް އެކަލާނގެ ފުއްސަވާދެއްވާ ނަރަކައިން މުއްތިކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމެވެ. އާމީން.

0