ޚަބަރު
ރޯދަ ދުނިޔެއިން: އިންޑިއާގެ މަގުމަތިން ފެނުނު ހިތްގައިމު މަންޒަރު

އިޙުތިރާމަކީ އިންސާނީ ނަސްލުގެ އަޚުވަންތަކަމަށް ބޭނުންވާ އެންމެ މުހިއްމު ހަތިޔާރެވެ. އެއް އިންސާނެއް އަނެއް އިންސާނެއްގެ ދިރިއުޅުމަށް ދޭން ޖެހޭ އިޙުތިރާމު ދިނުމަކީ ދެރަކަމެއް، އައިބުކަމެއްވެސް ނޫނެވެ. މިވަގުތަކީ މުޅި އިންސާނީ ނަސްލަށްވެސް ހާސްކަމާ ބިރުވެރިކަމުގެ ވަގުތަކަށްވީހިނދު، އެތައް ބައެއްގެ ފަރާތުން ފަޚުރުވެރި މަންޒަރުތައް ފެނިގެންދެއެވެ. އިންސާނުންގެ އަޅާލުމާއި އޯގާތެރިކަމުގެ ސިފަތައް އެތައް ގައުމަކުން ފެނިގެންދެއެވެ. މިއީ އެފަދަ މަންޒަރެކެވެ.

ރަމަޟާން މަސް ބައްދަލުކުރީ އިންޑިއާގައިވެސް ފުރަބަންދާ އެކުގައެވެ. ކޮވިޑް 19ގެ ނުރައްކަލާއެކު، މުޅި އިންޑިއާ އޮތީ ގޭބަންދުގައެވެ. އެހެންނަމަވެސް، ހިދުމަތްތެރީން ތިބީ މަގުމަތީގައެވެ. ފުލުހުންނާއި ސިފައިން ތިބީ ރައްޔިތުންގެ ހިމާޔަތުގައެވެ. ގައުމީ ވާޖިބަށް މަގުމައްޗަށް ނުކުމެހުރި އެކަކީ ކޮވިޑްގެ އަސަރު އެއްމެ ބޮޑަށް ކުރަމުންދާ އަންދްރަ ޕްރަދޭޝްގެ ގުންޓާ ސިޓީގެ އެސިސްޓެންޓް ޕޮލިސް އިންސްޕެކްޓާ ކަރާމުﷲއެވެ.

ރޯދައަށްހުރެ ކަރާމުﷲ ޑިއުޓީ ކުރަމުންދަނީ މަގުތަކުގައެވެ. ބޮޑު ތަކުލީފެއް ނަމަވެސް، އޭނާގެ ގައުމަށް ކޮންމެހެން އަދާކޮށްދޭން ޖެހޭ ވާޖިބު އަދާކުރުމަށެވެ. މުސްލިމުން ނޫން އޮފިސަރަކާއެކު ކަރާމުﷲ ޑިއުޓީ ކުރަމުންދިޔައިރު ފެނުނު މަންޒަރަކަށް އެތަކެއް ބައެއްގެ ލޯތައް އަމާޒުވިއެވެ. ނަމާދު ވަގުތުތަކުގައި ކަރާމުﷲ ނަމާދު ކުރަމުންދިޔައިރު، އޭނާއާއެކު ހުރި ޣައިރު މުސްލިމް އޮފިސަރު ހުރީ ކަރާމުﷲގެ ގާޑަކަށެވެ. ނަމާދު ކުރަމާއި ދުޢާކުރުމުގައި އިން ކަރާމުﷲގެ ހިމާޔަތުގައެވެ.

އެ މަންޒަރުން އެތައް ބައެއްގެ ހިތްތަކަށް ފިނިކަން ގެނެސްދީފިއެވެ. އިންސާނީ ކަރާމާތާ، އެކަކު އަނެކަކަށް ކުރަން ޖެހޭ އިޙުތިރާމްގެ ފުރިހަމަ މިސާލެކެވެ. ތަފާތު މަންޒަރެކެވެ. މިއީ އިންޑިއާގެ މަގުތަކުން މި ރަމަޟާން މަހު ފެނުނު ފިލާވަޅެކެވެ. އަޚުވަންތަކަން ދެމެހެއްޓުމާއި އިޙުތިރާމް ދިނުމުގެ މިސާލެކެވެ.

0