އިބުރަތްތެރި ވާހަކަ
ސަލާމްލެއްވި އައްޔޫބުގެފާނުގެ ވާހަކަ

އެނގި ވަޑައިގަންނަވާނޭފަދައިން، ﷲގެ ރަސޫލާ ސަލާމާއި ޞަލާވަތްލެވި އިބްރާހީމް ޢަލައިހިއްސަލާމަށްފަހު، ދެން ވަޑައިގެންނެވި ކޮންމެ ނަބިބޭކަލެއްވެސް ވަޑައިގެންނެވީ އެކަލޭގެފާނުގެ ދަރިކޮޅުންނެވެ. އެގޮތުން ﷲގެ ނަބިއްޔާ އައްޔޫބު ޢަލައިހިއްސަލާމް އަކީވެސް ﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކޮޅުން ވަޑައިގެންނެވި ނަބީބޭކަލެކެވެ.

އައްޔޫބު ޢަލައިހިއްސަލާމް ގެ ވާހަކަ އަކި ބޮޑު ވާހަކައެކެވެ. ޢިބްރަތުން ފުރިގެންވާ ވާހަކަ އެކެވެ. ކެއްތެރިކަމާއި އައްޔޫބް ޢަލައިހިއްސަލާމާއި ދެމެދުވަނީ ވަރަށް ގާތް ގުޅުމެކެވެ. ﷲ ތަޢާލާ އެކަލޭގެފާނު ނިޢުމަތްތަކުން އިމްތިހާނު ކުރެއްވި އެވެ. ދަތިކަމާއި މުޞީބާތް ޖައްސަވައިގެން އިމްތިހާނު ކުރެއްވިއެވެ. ގިނަގުނަވެގެންވާ އިމްތިހާންތައް އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވިއެވެ. މީހަކު ބަލާމުޞީބާތަކުން އިމްތިހާން ކުރައްވާނަަ، އައްޔޫބު ޢަލައިހިއްސަލާމް ވަނީ އެކަމުގައި ކުރި ހޯއްދަވައިފައެވެ..

ގިނަގުނަވެގެންވާ ބޮޑަތި ނިޢުމަތްތައް ﷲ ތަޢާލާ އައްޔޫބު ޢަލައިހިއްސަލާމަށް ރިޒްޤުކޮށް ދެއްވިއެވެ. ދަނޑުތަކާއި، އެތައް މުދަލާކާއި މޭވާ އާއި ބޮޑުވެގެންވާ މުއްސަދިކަމެއް އެކަލޭގެފާނަށް ﷲ ތަޢާލާ ދެއްވިއެވެ.

އެކަލޭގެފާނުވީ މުއްސަދި ބޭކަލެއްކަމުގައެވެ. އަދި ﷲ ތަޢާލާ އެކަލޭގެފާނަށް ޞާލިޙު ތަޤުވާވެރި  އަނބިކަނބަލެއް ދެއްވިއެވެ. ހަމައެކަނި އަނބިކަނަބަލެއް ދެއްވީއެއްވެސް ނޫނެވެ. އެކަލޭގެފާނަށް ޚިދުމަތް ކުރާނޭ އެތައް ޚާދިމުންނެއް އެކަލޭގެފާނަށް ލިބިވަޑައިގަންނަވާފައި ވެއެވެ. އެކަލޭގެފާނަށް ނަބީކަމާއި އެކު ބޮޑު މުއްސަނދިކަމެއް ﷲ ތަޢާލާ މިންވަރުކޮށް ދެއްވިއެވެ. ހަމަ އެއާއި އެކު އެކަލޭގެފާނަށް ގިނަ ދަރިންތަކެއް ދެއްވިއެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް ސާދަ  ދަރިން ދެއްވިއެވެ. އަންހެން ދަރިންނާއި ފިރިހެން ދަރިންނެވެ.

މި ގިނަގުނަ ވެގެންވާ ނިޢުމަތްތަކާއި މުދަލާއި ދަރިންނަށް ނިކަން ވިސްނައި ނަޒަރު ހިންގައި ބަލާބަލާށެވެ! މި އަށްވުރެ އިތުރަށް އިންސާނަކު ދުނިޔެމަތީގައި ބޭނުންވާނި ދެންފަހެ ކޮން އެއްޗެއް ހެއްޔެވެ؟ ހެޔޮވެގެންވާ ރަށެކެވެ. ފާފަފުއްސަވާ އޯގާވަންތަ ރައްބެއްގެ ދީލަތި ދެއްވުންތަކެވެ. ޞާލިޙު އަންބެކެވެ. ގިނަގުނަ ވެގެންވާ މުދަލާއި ދަރިންނެވެ. ޚާދިމުންނެވެ. މުއްސަނދިކަމެވެ. ނަބީކަމެވެ. މިހުރިހާ ކަމަކާއި އެކުގައި ޞާލިޙު ހެޔޮ ޢަމަލު ކުރުމުގެ މަތިވެރި ނިޢުމަތެވެ.

ކޮންމެއަކަސް، ﷲ ތަޢާލާ އެކަލޭގެފާނުގެ ހިތްޕުޅު އީމާންކަމުންނާއި ކެއްތެރިކަމުން އިމްތިޙާން ކުރައްވަން އިރާދަ ކުރައްވައިފިއެވެ. ހަނދާނުގައި ބަހައްޓަންވީ ﷲ ތަޢާލާ އެ އިލާހުގެ އަޅުތަކުން އިމްތިޙާން ކުރައްވާނެކަމެވެ. ދުނިޔެމަތީގައި އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ކަމަކީވެސް އިމްތިޙާން އެއްކަމެވެ. ނިޢުމަތް ދެއްވައިގެން ޝުކުރުވެރިވޭތޯ ބައްލަވައެވެ. މުޞީބާތް ޖައްސަވައިގެން ކެއްތެރިވޭތޯ ބައްލަވައެވެ.

ކުއްލިއަކަށް، މި ނަބިއްޔާއަށް ﷲ ތަޢާލާގެ ހަޟްރަތުން ބޮޑަތި އިމްތިޙާންތަކާއި ކުރިމަތިވާން ފަށައިފިއެވެ. ކޮންފަދަ ބޮޑަތި އިމްތިޙާން ތަކެއްތޯއެވެ.؟ މިއިމްތިޙާން ތަކާއި އެކަލޭގެފާން ކުރިމަތިލެއްވީ ކޮންގޮތަކަށް ހެއްޔެވެ؟ އެކަލޭގެފާނުގެ ކުރީގައި އެއްވެސް ބޭކަލަކަށް ކުރިމަތި ނުވާފަދަ ބޮޑަތި އިމްތިޙާންތަކެކެވެ. ﷲގެ ހުސްޠާހިރު ވަންތަކަމާއެވެ.

މި އިމްތިޙާންތަކުގެ ފެށުމަކަށްވީ ، އެކަލޭގެފާނުގެ ހަށިގަނޑަށް ބައްޔެއް ޖެހުމެވެ. އެ ބަލީގެ ސަބަބުން އެކަލޭގެފާނު އެނދުކޮޅެއްގައި ނުތެދުވެވި  އޮންނަން ޖެހިވަޑައިގެންނެވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ތެރެއިން ދަރިކަލަކަށްފަހު ދަރިކަލެއް ގެއްލިގެން ދާންފެށިއެވެ. ދުނިޔެއާއި އަލްވަދާޢު ކިޔަން ފެށިއެވެ. ހަމައެއާއި އެކު، އެކަލޭގެފާނުގެ މުދާ ނެތި ގެއްލިދާން ފެށިއެވެ. މުދާކޮޅު ހުސްވާން ފެށިއެވެ. ދަނޑުތަކާއި މޭވާތަކަކާއި މުދާތައް ހަލާކުވެ ގެއްލި ނެތި ހިނގައްޖެއެވެ. އެކައްޗަށްފަހު އަނެކައްޗެކެވެ. ﷲ ގެ ހުސްޠާހިރުވަންތަކަމާއި އެވެ.

އެއްވެސް އިންސާނެއްގެ ހުރިހާ މުދަލެއް، އޭނާގެ ކުރިމަތީގައި ކުއްލިއަކަށް ހަލާކުވެ ނެތިދާ މަންޒަރު ފެނުމުން ކޮންފަދަ އަސަރެއް ކުރާނެތޯއެވެ؟ ލޯބިވާ ދަރިން، ދަރިޔަކަށްފަހު ދަރިއެއް ލަސްތަކެއްނުވެ ވަކިވެދާން ފެށުމުންވާނީ ކިހިނެއްތޯއެވެ.؟ މިއަދު އެކަލޭގެފާނުގެ އަތްޕުޅުގައި ދުނިޔެމަތީގެ އެއްވެސް އެއްޗެއް ނެތެވެ. އެކަލޭގެފާނުގެ ޚާދިމުންވެސް މީހަކަށްފަހު މީހެއް އެކަލޭގެފާނު ދޫކޮށްފައި ދިޔައީއެވެ. އެކަލޭގެފާނު އޮންނެވީ ބަލި އެނދުގައި މީހެއްގެ އެހީއާނުލައި ނުތެދުވެވޭ ޙާލަތުގައެވެ.

ﷲ ތަޢާލާ އައްޔޫބު ޢަލައިހިއްސަލާމް އިމްތިޙާން ކުރެއްވީ އެވެ. މި ބޮޑުވެގެންވާ އިމްތިހާންތަކާއި އައްޔޫބު ޢަލައިހިއްސަލާމް  ކުރިމަތި ލެއްވީ ކިހިނަކުންބާއެވެ؟

ޝައްކެއްނެތެވެ. އައްޔޫބް ޢަލައިހިއްސަލާމަކީ ﷲ ތަޢާލާގެ ނަބިއްޔެކެވެ. އެކަލޭގެފާނު ވަނީ މިފަދަ އިމްތިޙާންތައް އިނސާނުނަށް ދުނިޔެމަތީގައި ކުރިމަތިވާނެކަމަށް ތައްޔާރުވެގެންނެވެ. ފުރިހަމަ މުއުމިނުންނަށް މިފަދަ ބޮޑަތި އިމްތިޙާމްތަކާ ކުރިމަތިލާން ޖެހޭނެކަން އެކަލޭގެފާނު ހިތްޕުޅުގެ އަޑިން އީމާންވެ ވަޑައިގަންނަވައެވެ. އެހެންކަމުން، ކޮންމެ އިންސާނެއްކަމުގައިވިޔަސް، ނަބީބޭކަލެއްކަމުގައި ވިޔަސް، އީމާންކަމުގެ އަހުލުވެރިއެއްކަމުގައިވާނަމަ އިމްތިޙާން ތަކާއި ކުރިމަތި ލާން ޖެހޭނެއެވެ.

އައްޔޫބު ޢަލައިހިއްސަލާމްގެ ބަލި ބޮޑުވެއްޖެއެވެ. އެއްވެސް ހަރަކާތެއް ނުކޮށްލެވޭ  ޙާލުކޮޅުގައި އެކަލޭގެފާނު ވަނީ އޮށޮއޮވެ އޮންނަން ޖެހިފައެވެ. ﷲ ތަޢާލާގެ ޒިކުރު ކުރުމަށްޓަކައި އެކަލޭގެފާނުގެ ދޫފުޅު ހަރަކާތްކުރުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. މިއީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ އެ ޙާލުކޮޅުގައި  ހަރަކާތެއް ނުކުރެވި، އެކަލޭގެފާނު އޮށޮއޮވެ ވަޑައިގެން އޮންނަވާއިރު، ކޮންމެވެސް ދަރިކަލަކުގެ މަރުގެ ޚަބަރު އެކަލޭގެފާނަށް އަޑުއިވިވަޑައިގަންނަވައެވެ. ދަރިކަލަކަށްފަހު ދަރިކަލެއްގެ މަރުގެ ޚަބަރު ހިނދު ކޮޅަކަށްފަހު ހިނދުކޮޅެއްގައި އެކަލޭގެފާނަށް  ލިބިވަޑައިގަންނަވަމުން ދެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެން ވިސްނާލައްވާށެވެ! އަޅުގަނޑުމެންގެ ތެރެއިން މީހެއްގެ 14 ދަރިން ހުރެފައި އެއްމެ ދަރިއެއް، އަޅުގަނޑުމެންގެ ކުރިމަތީ ދުނިޔެ ދުކޮށް ހިނގައްޖެނަމަ އަޅުގަނޑުމެންނަށް އެކަން ތަޙައްމަލު ކުރެވޭތޯ؟ އެހެންކަމަށްވާނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންގެ ދަރިންގެ ތެރއިން ފަހަރަކު ދަރިއެއް، ދަރިއަކަށްފަހު ދަރިއެއް މަރުވެގެން ދާއިރު އަޅުގަނޑުމެންގެ ޙާލު ހުންނާނީ ކިހިނަކުންބާއެވެ؟

މި ފަދަ ވާހަކަތައް ހަމައެކަނި އަޑުއިވުމުންވެސް އަޅުގަނޑުމެންނަށް ވަރަށް އަސަރުކުރެއެވެ. ނަމަވެސް މިދުނިޔޭގެ ޙަޔާތުގައި، މީހަކު ބަލި އެނދުގައި ހިރެނުލެވޭ ޙާލުގައި އޮއްވައި، ހުރިހާ ދަރިން ނެތިފަނާވެދަންދެން ދަރިޔަކަށްފަހު ދަރިޔަކު ދުނިޔެ އަޅަމުން ދާ ޚަބަރު ލިބެމުންދާ އިރު އެމީހަކު ކުރާނެ އިޙްސާސް އަޅުގަނޑުމެންނަށް ތަޞައްވަރު ނުކުރެވޭނެއެވެ. މިއީ ﷲގެ ނަބިއްޔާ އައްޔޫބު ޢަލައިހިއްސަލާމްގެ ވާހަކައެވެ. ސާދަ ދަރިން ވަކިވެގެން ދިޔަވާހަކައެވެ. އޭގެ ކުރިން ހުރިހާ މުދަލެއްވަނީ ނެތި ގެއްލިފައެވެ. ދުނިޔޭގެ މުދަލުގެ ތެރެއިން ހަމަ އެއްވެސް އެއްޗެއް މިއަދަކު އެކަލޭގެފާނުގެ އަތްޕުލަކު ނެތެވެ.

އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައެވެ. ތަޤުވާވެރި ޞާލިޙު އަނބިކަނބަލެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު ކައިބޮއި ހެދުމަށްތަކައި އެކަނބުލޭގެ ކާބޯތަކެތި ގެންނަވައެވެ.

ﷲ ތަޢާލާގެ މިވަޙީ ބަސްފުޅު ހަނދުމަ ކޮށްލާށެވެ. ((وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ )) – البقرة 155 މާނަ: ((ހަމަކަށަވަރުން ތިމަން ރަސްކަލާންގެ ތިޔަބައިމީހުން އިމްތިހާން ކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރައްވައިގެނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް ގެންދައި އުނިކުރައްވައިގެނެވެ. އަދި ކެއްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ. ))

މުއްސަނދި ޙާލަތުގައި އުޅުއްވުމަށްފަހުގައި، ކުއްލިއްޔަކަށް ހުރިހާ މުދަލެއް ގެއްލިގެން ދިޔައީއެވެ. ދަރިންތައް ވަކިވެ ދިޔައީއެވެ. އެކަލޭގެފާނުގެ ކެއްތެރިކަން އިމްތިޙާން ކުރެއްވުމަށްޓަކައި ﷲ ތަޢާލާ އެކަލޭގެފާނަށް ކުރުމަތިކުރެއްވީ ބޮޑުވެގެންވާ އިމްތިޙާނެކެވެ.

ފަޤީރަކަށް މިފަދަ އިމްތިޙާނެއް ކުރިމަތިވެއްޖެނަމަ، ތަޙައްމަލުކުރަން ތައްކޮޅެއް ފަސޭހަވެދަނެއެވެ. ނަމަވެސް މުއްސަންޖެގެ ގޮތުގައި ޢިއްޒަތުގައި އުޅުއްވުމަށްފަހުގައި ، އަތުގައި ހުރި ހުރިހާ އެއްޗެއް ކުއްލިޔަކަށް ގެއްލި ދަރިން ވަކިވެ ދިޔުމުން، ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެއެވެ.

ހަމައެކަނި މުދަލެއްނޫނެވެ. ދަރިޔަކަށްފަހު ދަރިއެއްވެސް ވަކިވެ ދިޔައީއެވެ. އެކަލޭގެފާނު މިޙާލުކޮޅުގައި ބަލިއެނދުކޮޅުގައި އޮވެވަޑައިންނަވާން ޖެހުނީ ކިތައް އަހަރުތޯ ؟ އަށާރަ އަހަރު އެ ހާލުކޮޅުގައި އެކަލޭގެފާނު އޮވެވަޑައިގެންނެވިއެވެ. އައްޔޫބު ޢަލައިހިއްސަލާމްގެ މި ކެއްތެރިވެ ވަޑައިގެންނެވުމަކީ ކޮންފަދަ މަތިވެރި ކެއްތެރި ވެވަޑައިގަތުމެއްތޯއެވެ.؟ ((الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ )) سورة البقرة 156 – މާނަ (( އެބައިމީހުންނަކީ، އެބައިމީހުންނަށް މުޞާބާތެއް ޖެހިއްޖެ ނަމަ، ހަމަކަށަވަރުން އަޅަމެން މިލްކުވެގެންވަނީ ﷲ އަށޭ އަދި އަޅަމެން އެނބުރި ރުޖޫޢަވާހުށީ ﷲ ގެ ހަޟްރަތަށޭ ބުނާމީހުންނެވެ. ))

އައްޔޫބު ޢަލައިހިއްސަލާމް ވިދާޅުވީ ކީކޭތޯއެވެ ؟ ((إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ )) ((ހަމަކަށަވަރުން އަޅަމެން މިލްކުވެގެންވަނީ ﷲ އަށޭ އަދި އަޅަމެން އެނބުރި ރުޖޫޢަވާހުށީ ﷲ ގެ ހަޟްރަތަށޭ ބުނާމީހުންނެވެ.))

ޝައްކެއްނެތެވެ. އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެންގެ މުދަލާއި ހުރިހާ ތަކެއްޗެއްގެ މިލްކުވެރި ފަރާތަކީ ﷲ ތަޢާލާއެވެ.

ކެއްތެރިވުމުގެ އެއްމެ ފުރިހަމަ މިސާލު އައްޔުބު ޢަލައިހިއްސަލާމް ވަނީ ދައްކަވާފައެވެ. އަބަދުވެސް އެކަލޭގެފާނު ﷲ ތަޢާލާގެ ޒިކުރު ކުރެއްވުންމަތީ ދެމިހުންނަވައެވެ. ﷲ ތަޢާލާ އެކަލޭގެފާނާއި ބެހޭގޮތުން ވަޙީކުރައްވާފައި ވެއެވެ. (( إِنَّا وَجَدْنَاهُ صَابِرًا  نِعْمَ الْعَبْدُ  إِنَّهُ أَوَّابٌ )) سورة ص44 މާނަ: (( ހަމަކަށަވަރުން ތިމަންއިލާހު އެކަލޭގެފާނު ދެކެވަޑައިގަތީ ކެއްތެރި ބޭކަލެއްގެ ގޮތުގައެވެ. އެއީ ހާދަހާ ރަނގަޅު އަޅެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެ ވަޑައިގަންނަވާ ބޭކަލެކެވެ.))

އައްޔޫބު ޢަލައިހިއްސަލާމް ވެވަޑައިގެންނެވީ ކެއްތެރި ނަމޫނާ ބޭކަލެއްގެ ގޮތުގައެވެ. އެހާލުކޮޅުގައިވެސް އެކަލޭގެފާނު ކެއްތެރިވެ ވަޑައިގެންނެވިއެވެ. އަނބިކަނބަލުން މީސްތަކުންނަށް މަސައްކަތް ކޮށދެއްވައިގެން ލިބޭ މަދު ފައިސާ ކޮޅަށް ކާތަކެތި ގަނެގެން ގެނެސް ދެއްވައެވެ.

މި ދުވަހާއި ހަމައަށް ޢިއްޒަތުގައި ޙަޔާތް ހޭދަކުރައްވަމުން ވަޑައިގެންނެވި އެކަލޭގެފާނުގެ ޢިއްޒަތްތެރި މާތް މުއްސަނދި އަނބިކަނބަލުން އެއްވެސް ޝަކުވާއެއްނެތި މިއަދު އެކަމަނާގެ ފިރިކަލުންނަށް ޚިދުމަތް ކުރައްވަނީއެވެ. ﷲ އަށްޓަކައި އެކަކު އަނެކަކަށްވާ ލޯތްބަކީ ކިޔަމަންތެރި ޞާލިޙުޅުންނަށްޓަކައި ދެމިހުންނަ ލޯތްބެކެވެ. ﷲ އަށްޓަކައިވާ ލޯތްބަކީ މުއްސަނދިކަމާއި މުދަލާއި ނެތި ފަނާވެދިއުމަކުން ފަނާވެދަނިވި އެއްޗެއް ނޫނެވެ. އިއްޔެ އަކަމާނާއަކީ ދަރިންނާއި ޚިދުމަތް ކޮށްދެއްވާނޭ ޚާދިމުން އެކަމަނާގެ އަރިހުގައި އުޅުއްވި ކަނބުލޭގެއެވެ. މިއަދު އެއްވެސް އެއްޗެއް މިލްކުގައި ނެތެވެ. ނަމަވެސް މީސްތަކުންނަށް އުޖޫރައަށް މަސައްކަތްކޮށްދެނީއެވެ.

އެއްދުވަހަކު މި ޞާލިޙު، ތަޤުވާވެރި މާތް އަނބިކަމަކާ، ބޭރުން އައިސް އައްޔޫބު ޢަލައިހިއްސަލާމްގެ އަރިހަށް ވަދެ ވަޑައިގަންނަވައިފިއެވެ. އެކަމަނާ އެކަމަނާގެ ފިރިކަލުންނަށް ދެންނެވިއެވެ. އޭ އައްޔޫބުގެފާނެވެ. ކަލޭގެފާނަކީ ﷲގެ ނަބިއްޔެއް ނޫންތޯއެވެ. ކަލޭގެފާނު ﷲ އަށް ދަނަނަވައިފި ނަމަ، އެއިލާހު ކަލޭގެފާނުގެ ދުއާ ޢިޖާބަކުރައްވައި ކަލޭގެފާނުގެ ބައްޔަށް ޝިފާދެއްވާނެއެވެ. ދެން އައްޔޫބު ޢަލއިހިއްސަލާމް އެކަމަނާއަށް ބައްލާވާ ލެއްވިއެވެ. ހަޤިޤަތުގައި އެކަލޭގެފާނު ބައްޔާ ދޭތެރޭ އެއްވެސް ކަންބޮޑުވުމެއް ނެތެވެ.

އެކަލޭގެފާނު އެކަމަނާއަށް ވިދާޅުވިއެވެ. ކަމަނާއަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟ ތިމަންކަލޭގެފާނު މި ބަލިހާލުގައި އުޅުއްވަން ޖެހުމުގެ ކުރިން   ރަނގަޅު ސަލާމަތް ސިއްޙަތުގައި ކިތައް އަހަރު ހޭދަކުރެއްވިންތޯއެވެ.؟ އެކަމަނާ ވިދާޅުވިއެވެ. ހަތްދިހަ އަހަރެވެ. ކަލޭގެފާނަށް މި ބަލި ޖެހުނު އިރު ކަލޭގެފާނުގެ އުމުރުފުޅުން 70 އަހަރެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ފުރިހަމަ ސިއްހަތު ހަތްދިހަ އަހަރުވަންދެން ދެއްވިއެވެ. އެހެންކަމަށްވާއިރު، އިތުރު 70 އަހަރު ޝަކުވާ ކުރުމެއްނެތި މިފަދައިން ކެއްތެރިވުން ތިމަންކަލޭގެފާނަށް ހައްޤެއްނޫންތޯއެވެ.؟ ސުބްޙާނަﷲ.

އެހެންކަމުން  އެކަލޭގެފާނުގެ މި ރީތިވެގެންވާ ކެއްތެރިވުމަށް މަދަހައިގެ ބަސްފުޅު ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (( إِنَّا وَجَدْنَاهُ صَابِرًا نِعْمَ الْعَبْدُ  إِنَّهُ أَوَّابٌ )) سورة ص44 މާނަ: (( ހަމަކަށަވަރުން ތިމަންއިލާހު އެކަލޭގެފާނު ދެކެވަޑައިގަތީ ކެއްތެރި ބޭކަލެއްގެ ގޮތުގައެވެ. އެއީ ހާދަހާ ރަނގަޅު އަޅެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެ ވަޑައިގަންނަވާ ބޭކަލެކެވެ.))

ކޮންފަދަ ރިވެތި ކެއްތެރި ވުމެއްތޯއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އަބަދުވެސް ކެއްތެރިވުމުގެ ވާހަކަ ދައްކާނަމަ، އައްޔޫބު ޢަލައިހިއްސަލާމްގެ ވާހަކަ ޒިކުރު ކުރެވިގެން ދެއެވެ. ކީރިތި ޤުރުއާންގައިވާ ނަބީބޭކަލުންގެ ކޮންމެ ވަހަކައަކީވެސް އަޅުގަނޑުމެން މި އުއްމަތުގެ މީސްތަކުން އެއިން ޢިބްރަތް ޙާސިލް ކުރުމަށްޓަަކައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ވާހަކަތަކެކެވެ. ހަމައެކަނި މަތިމަތިން ބަލާލުމަކުން ނުފުދޭނެއެވެ.

އެނދުކޮޅުގައި އެކަލޭގެފާނު އޮންނެވިއިރު ބަލީގެ ސަބަބުން، އެކަލޭގެފާނުގެ ހަށިކޮޅު ފަޅަފަޅައިގެން ގޮސްފައި ވެއެވެ. މީސްތަކުން އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ. އެބައިމީހުންގެ ގަޔަށް އެ ބަލި އަރައިފާނެކަމުގެ ބިރައްޓަކައި އެއްވެސް މީހަކު އެކަލޭގެފާނަކާއި ގާތްވެ ވަޑައިނުގަންނަވައެވެ.  ބައެއްފަހަރު އެ ބަލީގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅުން މަސްމަސްކޮޅު ވަކިވެގެން ދާކަމުގައި ވެއެވެ. އޭގެ ސަބަބުން ނުބައި ވަސް ނުކުމެއެވެ.

ދެން މީހަކު ބަލި އެނދުގައި ހަފްތާ ދެ ހަފްތާ ވާއިރު އިހްސާސް ކުރާނޭ ވޭނާއި އެކަނިވެރިކަން ތަސައްވަރުކޮށްލާށެވެ. އައްޔޫބު ޢަލައިހިއްސަލާމް އަށާރަ އަހަރު އެ ހާލުކޮޅުގައި އޮންނެވިއެވެ. ކައިރީގައި އެއްވެސް ނެތެވެ. މުދަލެއްވެސް ނެތެވެ. އަނބި ކަނބުލޭގެ މީސްތަކުންނަށް އުޖޫރައަށް މަސައްކަތް ކޮށްދެއްވައެވެ.

އެއްދުވަހެއްގައި، އެކަމަނާ އައްޔޫބު ޢަލައިހިއްސަލާމަށް ކާތަކެތި ހޯއްދެއްވުމަށްޓަކައި ގޭގެއަށް އުޖޫރައަށް މަސައްކަތް ކޮށްދެއްވަން ވަޑައިގެންފިއެވެ. ނަމަވެސް މިއަދު އެއްވެސް ގެއަކުން އެކަމަނާ ބަލައެއް ނުގަތެވެ. އެކަމަނާއާއި މަސައްކަތެއް ހަވާލުކުރަން އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ. މިފަދައިން ކަންތައް ވެގެންދިއުމުން، ދެން އެކަމަނާ އެކަމަނާގެ ފިރިކަލުންނަށް ކާތަކެތި ހީއްދަވާނޭ ގޮތަކާއިމެދު ކަންބޮޑުވެ ވަޑައިގެންފިއެވެ؟ ދެން އެކަމަނާ ޢަމަލު ކުރައްވާނީ ކިހިނަކުންބާއެވެ؟

އެ ދުވަސްވަރަކީ މީހުންގެ ނިޔަފައްޗާ އިސްތަށި ވިއްކައި އުޅުނު ޒަމާނެކެވެ. އެކަމަނާވެސް އެހެން ގޮތެއް ނެތުމުން އިސްތަށިގަނޑު ބުރިކޮށްލުމަށްފަހު މަދު ދިރުހަމުކޮޅަކަށް އިސްތަށިގަނޑު ވިއްކަވާލައްވައިފިއެވެ. ދެން އެއަށްފަހު އެ ދިރުހަމުކޮޅަށް ކާތަކެތި ބައްލަވައިގެންފިއެވެ. އެ ކާތަކެއްޗާއެކު އައްޔޫބު ޢަލައިހިއްސަލާމްގެ އަރިހަން ވަޑައިގެންފިއެވެ. މަސައްކަތް ކުރުމަށްތަކައި އެއްވެސް ގެއަކުން މިހާރު އެކަމަނާ ބަލައިނުގަންނަކަން އައްޔޫބު ޢަލައިހިއްސަލާމަށް އެނގިވަޑައިގަންނަވައެވެ. އެކަމަނާ ލައްވައި މަސައްކަތްކުރެއްވުމަށް މީސްތަކުން މިހާރު އިންކާރު ކުރައްވާކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.

އައްޔޫބު ޢަލައިހިއްސލަމާ ވިދާޅުވިއެވެ. އޭ އަނބިކަނބުލޭގެއެވެ.! ކަމަނާއަށް މީސްތަކުން މަސައްކަތް ހަވާލު ނުކުރާ ޚަބަރު ކަމަނާ ތިމަންކަލޭގެފާނަށް ދެއްވީމެއް ނޫންތޯއެވެ. އެކަމަނާ ދެންނެވިއެވެ. އާނ އެކެވެ. ކަލޭގެފާނު ފުރަތަމަ ފަރިއްކުޅުވާށެވެ. އެއަށްފަހު ތިމަންކަމަނާ މި ކާތަކެތި ހޯއްދެވިގޮތް ވިދާޅުވާނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަން ނުކާނަމެވެ.   ކަންތައް ވީގޮތުގެ ޚަބަރު ތިމަންކަލޭގެފާނަށް ދެއްވާށެވެ. ކާތަކެތި ގެންނެވީ ކޮންތާކުންތޯއެވެ. އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނު ތި އޮންނެވީ ބަލި ހާލުކޮޅުގައެވެ. ކަލޭގެފާނު ފަރިއްކުޅުވާށެވެ.  އެކަލޭގެފާނު ވިދާޅުވިއެވެ. ކަމަނާ ތިމަންކަލޭގެފާނަށް އެކަމުގެ ޚަބަރު ދެއްވުމުގެ ކުރިން ފަރިއްކުޅު ނުވާނަމެވެ. ދެން އެކަމަނާ ތެދުވެރިކަމާއި އެކު ކަންތައްވީގޮތް ކިޔާދެއްވިއެވެ. އަދި އެކަމަނާގެ ޚިމާރު ( ބުރުގާ) ކަޝްފު ކުރެއްވުމަށްފަހު އިސްތަށިގަނޑު ބުރިކޮށްލާފައިވާތަން އެކަލޭގެފާނަށް ދެއްކެވިއެވެ.

މިހިސާބުން އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން އެއްމެ މަތީ ދަރަޖައަށް ފޯރައިފިއެވެ. މިހިސާބުން އައްޔޫބު ޢަލައިހިއްސަލާމް ﷲ އަށް ދުޢާ ދެންނެވިއެވެ. ((وَأَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ )) سورة الأنبياء 83 މާނަ: (( އަދި އައްޔޫބުގެފާނު އެކަލޭގެފާނުގެ ވެރި ރައްބަށް ދުޢާ ދންނެވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން މިއަޅާއަށް ދަތިކަމެއް ޖެހިއްޖެއެވެ. އަދި އިބައިލާހުއީ އެއްމެ ބޮޑަށް ރަޙުމުކުރައްވާ ރަޙުމާންވަންތަ އިލާހެވެ. ))

މިހާ ހިސާބުންވެސް އެކަލޭގެފާނުގެ ދުޢާ ވެގެން ދިޔައީ، ޝަކުވާ ކުރާމީހެއްގެ ޝަކުވާއެއްގެ ގޮތަކަށް ނޫނެވެ.  ދުޢާ ކުރެއްވީ ސީދާ ސީދަލަށް އެކަޅޭގެފާނުގެ ބައްޔާ ބޭހޭގޮތުންނެއްވެސް ނޫނެވެ. އެކަލޭފާނު ވިދާޅުޥީ ތިމަންކަލޭގެފާނަށް ދަތިކަމެއް ކުރިމަތިވެއްޖެއެވެ. އެހުރިހާ ވޭނަކާއި އުނދަގުލެއް ތަޙަމައްލު ކުރައްވަމުންވެސް އެކަލޭގެފާނު ވިދާޅުވީ އިބަ އިލާހުއީ އެއްމެ ބޮޑަށް ރަޙުމު ކުރައްވާ ފަރާތެވެ. (( وَأَنتَ أَرْحَمُ الرَّاحِمِينَ )) سورة الأنبياء 83 މާނަ: (( އަދި އިބައިލާހުއީ އެއްމެ ބޮޑަށް ރަޙުމުކުރައްވާ ރަޙުމާންވަންތަ އިލާހެވެ. )) ޝައްކެއްނެތެވެ. ﷲ ތަޢާލާގެ ނިޢުމަތްތައް އަދަދެއް ނުކުރެވޭނެއެވެ. އެއިލާހު ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވަނީ އަޅުތަކުންނަށް ހެވަކަށްތަކައެވެ. އެއީ އެއްމެ ބޮޑަށް ރަޙުމުކުރައްވާ ފަރާތެވެ.

މި ހުރިހާ ދުވަހަކު ކުރުމަތިވި ހުރިހާ އިމްތީޙާންތަކަށް ކެއްތެރި ވެ ވަޑައިގެންނެވިއެވެ. ނަމަވެސް އަނބި ކަނބަލުންނަށް މި ކުރިމަތިވި ކަންތައްތައް ފެނިވަޑައިގެން  ﷲ އަށް ދުޢާ ދެއްނެވިއެވެ. ޙަދީޘްގައި ވާފަދައިން އެއްމެ ބޮޑަތި ބަލާއާއި މުޞީބާތްތައް ޖެހެނީ ނަބީ ބޭކަލުންނަށެވެ. ދެން ޞާލިޙުންނަށެވެ. ދެން އެއާއި ޖެހުނު ރަނގަޅު މީހުންނަށެވެ. އިންސާނާ އިމްތިޙާން ކުރެވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުންނެވެ.

މި އިމްތިހާންތައް ތަޞައްވަރު ކޮށްލެވޭނީ ކާކައްތޯއެވެ. އެއްދުވަހެއް ދެ ދުވަހެއް ނޫނެވެ. ދެ ހަފްތާއެއްނޫނެވެ. އެތައް އަހަރެކެވެ. އަށާރަ އަހަރެވެ. ބަލި އެނދުގައި އެކަނި މައި އެކަންޏެވެ. ޢިއްޒަތްތެރި މާތް މުއްސަނދި ދިރި އުޅުއްވުމެއް އުޅުއްވި އަނބި ކަނބަލުން މިއަދު އެކަމަނާގެ ފިރިކަލުންގެ ޚާދިމަކަށް ވެއްޖެއެވެ. ހުރިހާ ދަރިން ގެއްލިއްޖެ އެވެ. މުދަލާއި ދަރިންނާއި ޚާދިމުންނާއިގެން ފުރިފައިވާ ހަލަބޮލި ގެ މިއަދު ކޮބައިތޯއެވެ.؟

އާނއެކެވެ. ރީތިގޮތުގައި ކެއްތެރިވާ އަޅުން ﷲ ތަޢާލާ ސަލާމަތް ކޮށްދެއްވައެވެ.

އައްޔޫބު ޢަލައިހިއްސަލާމްގެ ދެ އަޚުން ވެއެވެ. އެއްދުވަހަކު އައްޔޫބު ޢަލައިހިއްސަލާމް ބަލި އެނދުގައި އޮންނަވަނިކޮށް އެ ދެ އަޚުން އެކަޅޭގެފާނުގެ އަރިހަށް ވަދެވަޑައިގެންފިއެވެ. އެތަނުން އެކަކު އަނެކަކަށް ބުންޏެވެ. އޭރު އައްޔޫބު ޢަލައިހިއްސަލާމް އޮންނެވީ އަޑު އައްސަވާށެވެ. އައްޔޫބު ޢަލައިހިއްސަލާމްގެ ކިބައިން ﷲ ތަޢާލާ ބޮޑުވެގެންވާ ފާފައެއް ދެކެވޮޑިގެންނެވީއެވެ. އޭގެ ސަބަބުން ﷲ ތަޢާލާ އައްޔޫބު ޢަލައިހިއްސަލާމަށް މި މުޞީބާތް ޖެއްސެވީއެވެ. އެ ދެމީހުންގެ ވާހަކަ އައްޔޫބު ޢަލައިހިއްސަލާމް އަޑު އެއްސެވިއެވެ. ދެން އެކަލޭގެފާނު ﷲ ތައާލާ އަށް ދެއްނެވިއެވެ. އޭ ﷲ އެވެ. އިބައިލާހު މޮޅަށް ދެނެވޮޑިގަންނަވައެވެ.  ބިމުގައި ބަނޑުހައި ހޫނުކަމުގައި މީހަކު ވާކަން ތިމަންކަލޭގެފާނަށް އެނގި ވަޑައިގަންނަވާނަމަ، ތިމަންކަލޭގެފާނު ދުވަހަކުވެސް ބަނޑުނުފުރުއްވަމެވެ.  މިކަންތައް އިބަ އިލާހު ތެދުކޮށްދެއްވާށެވެ. އެކަލޭގެފާނުގެ މި ބަސްފުޅު ﷲ ތަޢާލާ ތެދުކޮށްދެއްވިއެވެ. ދެން އެކަލޭެފާނު ދެއްނެވިއެވެ. އިބަ އިލާހު މޮޅަށް ދެނެވޮޑިގަންނަވައެވެ. ބިމުގައި މީހަކު އައުރަނިވާނުކުރެވި  އުޅުއްވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާނަމަ، ދެ ހެދުންކޮޅާއިގެން ތިމަންކަލޭގެފާނު ހޭދަ ނުކުރައްވަމެވެ. މިކަންތައް އިބަ އިލާހު ތެދުކޮށްދެއްވާށެވެ. އެކަލޭގެފާނުގެ މި ބަސްފުޅު ﷲ ތަޢާލާ ތެދުކޮށްދެއްވިއެވެ. އެދެމީހުން ހުންނެވީ އަޑު އަހާށެވެ.

އެކަލޭގެފާނާއި މެދު އެކަލޭގެފާނުގެ އެއްމެ ގާތް މީހުންގެ ތެރެއިން ބަޔަކު އެ ވިދާޅު ބަސްތަކުން އެކަލޭގެފާނުގެ ބަލިކޮޅު އިތުރުވެގެން ދިޔައެވެ. ((أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ )) سورة الأنبياء 83 މާނަ: (( ހަމަކަށަވަރުން މިއަޅާއަށް ދަތިކަމެއް ޖެހިއްޖެއެވެ. އަދި އިބައިލާހުއީ އެއްމެ ބޮޑަށް ރަޙުމުކުރައްވާ ރަޙުމާންވަންތަ އިލާހެވެ. ))

މި ޙާލުކޮޅުގައި އަށާރަ އަހަރު ހޭދަކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ދޫފުޅުވީ  ﷲ ގެ ޒިކުރު ކުރުންމަތީގައެވެ.

((وَأَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ )) سورة الأنبياء 83 މާނަ: (( އަދި އައްޔޫބުގެފާނު އެކަލޭގެފާނުގެ ވެރި ރައްބަށް ދުޢާ ދންނެވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން މިއަޅާއަށް ދަތިކަމެއް ޖެހިއްޖެއެވެ. އަދި އިބައިލާހުއީ އެއްމެ ބޮޑަށް ރަޙުމުކުރައްވާ ރަޙުމާންވަންތަ އިލާހެވެ. ))

މި ބޮޑު މުޞީބާތުގައި އޮންނަވާފައިވެސް އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ (( وَأَنتَ أَرْحَمُ الرَّاحِمِينَ )) سورة الأنبياء 83 މާނަ: (( އަދި އިބައިލާހުއީ އެއްމެ ބޮޑަށް ރަޙުމުކުރައްވާ ރަޙުމާންވަންތަ އިލާހެވެ. ))

ދުވަހަކުވެސް އުއްމީދު ކަނޑާ ނުލައްވައެވެ.

ﷲ ގެ އިރާދަފުޅާއި އެކު އެކަލޭގެފާނުގެ ބަލިން ސަލާމާތްވާންވީ ވަގުތު ޖެހިއްޖެ އެވެ. އެއްދުވަހެއްގައި އެކަލޭގެފާނު އެނދުގައި އޮއްވައި، ﷲ ތަޢާލާ އެކަލޭގެފާނަށް ވަޙީ އިއްވެވިއެވެ. ކަލޭގެފާނުގެ ފައިންޕުޅު ހަރަކާތް ކޮށްލައްވާށެވެ. ދެން އެކަލޭގެފާނު ފައިންޕުޅުން ބިންމަތީގައި ޖައްސަވަން ފެއްޓެވިއެވެ. ދެން އެކަލޭގެފާނުގެ ފައިންޕުޅު ދަށުން ފެން އަރަން ފެއްޓެވިއެވެ.  ((ارْكُضْ بِرِجْلِكَ  هَٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ )) سورة ص42 – މާނަ: (( އެކަލޭގެފާނަށް އެންގެވިއެވެ.ކަލޭގެފާނު ފައިންޕުޅުން ބިންމަތީގައި ޖައްސަވާށެވެ. ( ދެން އެތަނުން ފެން އާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނޭފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި ފެނެކެވެ.))

ދެން އެކަލޭގެފާނު އެފެނުން ފެންވަރަން ފެއްޓެވެމުން ބަލިރަނގަޅުވަމުންގޮސް އެއްކޮށް ރަނގަޅުވެއްޖެއެވެ. ދެން އެކަލޭގެފާނު ފެން ބައްލައިގެންނެވުމުން އެތެރެހަށި އެއްކޮށް ރަނގަޅުވެއްޖެއެވެ.  އަށާރަ އަހަރުވަންދެން ، އެކަލޭގެފާނު ތަހައްމަލު ކުރަމުން ގެންދެވި ބަލި ހިނދުކޮޅެއްގެ ތެރޭގައި ފަސޭހަވެއްޖެއެވެ.

(( وَإِذَا مَرِضْتُ فَهُوَ يَشْفِينِ )) سورة الشعراء80 މާނަ: (( މިއަޅާ ބަލިވެއްޖަނަމަ، ޝިފާ ދެއްވާ ފަރާތަކީ( ﷲ) އެއީއެވެ.))

އައްޔޫބު ޢަލައިހިއްސަލާމް ބަލި ﷲ ތަޢާލާ ފަސޭހަ ކޮށްދެއްވައި ފުރިހަމަ ސިއްޙަތެއް ދެއްވައފިއެވެ. ހަމަ އެއާއި އެކު ކުރީގެ ޒުވާންކަންވެސް ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވައިފިއެވެ. އެ ރީތިކަމާއި ބާރުވެސް ދެއްވައިފިއެވެ.

އަނބިކަނބަލުން ގެއަށް ވަޑައިގެން ، އެނދުކޮޅު ބެއްލެވި އިރު އައްޔޫބު ޢަލައިހިއްސަލާމެއް ފެންނާކަށް ނެތެވެ. އެކަމަނާ އެކަލޭގެފާަނު ހޯއްދަވަނިކޮށް އެކަމަނާއަށް ފެނިވަޑައިގަތީ ރީތި ޒަވާނެކެވެ. އައޔޫބު ޢަލައިހިއްސަލާމާއި ވައްތަރު ޒުވާނެކެވެ. އެކަމަނާ އެ ޒުވާނާއާއި ސުވާލު ކުރެއްވިއެވެ. ބޮޑު އިމްތިޙާނެއް ތަޙައްމަލު ކުރައްވަމުން ގެންދަވާ ﷲ ގެ ނަބިއްޔާ ދެކެވަޑައިގެންނެވިންތޯއެވެ. ތިބާ އަކީ އެކަލޭގެފާނާއި އެއްމެ ވައްތަރު މީހާއެވެ. އައްޔޫބު ޢަލައިހިއްސަލާމް ހިނިވަރުނަ ކުރެއްވިއެވެ. އަދި ވިދާޅު ވިއެވެ. ތިމަންކަލޭގެފާނަކީ އައްޔޫބެވެ. ކަމަނާގެ ފިރިކަލުންނެވެ.  އެކަމަނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަންނާއަށް މަލާމާތްކުރައްވަނީތޯއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ އައްޔޫބެވެ. ތިމަންކަލޭގެފާނަށް މި ޒުވާންކަމާއި މި ސިއްޙަތު އަލުން ދެއްވީ ﷲ އެވެ. އަދި އެއަށްފަހު ﷲ ތަޢާލާ އެކަލޭގެފާނުގެ އަނބިކަނބަލުންވެސް ޒުވާންކަމަށް ރުޖޫޢަކުރެއްވިއެވެ.

ރީތި ކެއްތެރިކަމާއި ވަކީލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ، ޒުވާންކަމާއި ސިއްޙަތާއި އަނބިކަނބަލުންނާއި، ކުރީގައި އެކަލޭގެފާނަށް ދެއްވި ދަރިންފަދަ ދަރިން އެ އަދަދަށް ދެއްވިއެވެ. ޚާދިމުންނާއި މުދަލާ މުއްސަނދިކަން އަލުން ދެއްވިއެވެ. އަދި އެވަރުންވެސް ނުނިމެއެވެ. އުޑުން އެކަލޭގެފާނަށްޓަކައި ﷲ ތަޢާލާ ރަން ބާވައިލެއްވިއެވެ.

((فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ  )) سورة الأنبياء84 މާނަ: (( ފަހެ ތިމަން ރަސްކަލާންގެ އެކަލޭގެފާނަށް އިޖާބަ ދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި ޙާލު ފިއްލަވައި އަދި އެކަލޭގެފާނަށް އެކަލޭގެފަނުގެ އަހުލުންނާއި، އަދި އެ އަހުލުންނާއެކު ހަމަ އެފަދަ އަހުލުން ދެއްވީމެވެ. ތިމަން ރަސްކަލާންގެ ހަޟްރަތުން ލެއްވި ރަޙުމަތެއް ކަމުގައެވެ. އަދި އަޅުވެރިންނަށް ހަނދާން ކޮށްދިނުމެއް ކަމުގައެވެ. ))

އައްޔޫބު ޢަލައިހިއްސަލާމް ނަދުރެއް ބުނެފައިވެއެވެ. ބައްޔަށް ޝިފާ ލިބިއްޖެނަމަ އަނބިކަނބަލުންގެ ގައިކޮޅުގައި ސަތޭކަ އަސާ އިން ޖެއްސެވުމަށް އެކަލޭގެފާނު ދަދުރު ބުނެފައި ވެއެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ކުދި ކުދި ދަނޑި ދަނޑިކޮޅުގެ 100 އެތިކޮޅު އެއްކޮށްލުމަށްފަހު  ބަނދެފައި ، އެއިން އެއްފަހަރު އަނބިކަނބަލުންގެ ގައިކޮޅުގައި މަޑުމަޑުން ޖައްސަވާށެވެ.

((وَخُذْ بِيَدِكَ ضِغْثًا فَاضْرِبْ بِهِ وَلَا تَحْنَثْ  إِنَّا وَجَدْنَاهُ صَابِرًا  نِعْمَ الْعَبْدُ  إِنَّهُ أَوَّابٌ )) سورة ص44 މާނަ: (( އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން އަނބިކަނބަލުންގެ ކައިކޮޅުގައި ޖައްސަވާލައްވާށެވެ. ހަމަކަށަވަރުން ތިމަންއިލާހު އެކަލޭގެފާނު ދެކެވަޑައިގަތީ ކެއްތެރި ބޭކަލެއްގެ ގޮތުގައެވެ. އެއީ ހާދަހާ ރަނގަޅު އަޅެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެ ވަޑައިގަންނަވާ ބޭކަލެކެވެ.))

ދުޢާއަކީ އަޅުގަނޑުމެންނަކީ ނިއުމަތެއް ދެއްވައިފިނަމަ ޝުކުރުވެރިވާ، މުޞީބާތެއް ޖެހިއްޖެ ނަމަ ކެއްތެރިވާ، ފާފައެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވާ އަޅުންތަކެއް ކަމުގައި ﷲ ތަޢާލާ އަޅުގަނޑުމެން ލެއްވުމެވެ.

– ނިމުނީ –


އައްޔޫބު ޢަލައިހިއްސަލާމްގެ ވާހަކަ ލިޔެފައި މިވަނީ މަޝްހޫރު ދާޢީ ފަޟީލަތުއްޝައިޚް ނަބީލުލް ޢިވަޟީ ހަފިޡަހުﷲ ކިޔައިދެއްވަފައިވާ ގޮތަށެވެ.

0